ރ. ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތަކީ ދުވާފަރުގެ ރައްޔިތުންނަށް އިތުރު ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފަސޭހަކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ހުސެއިން ތަސްމީން އެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، ދުވާފަރު ދާއިރާގެ މެމްބަރ މުޙައްމަދު ޢަލީ ވެސް ވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ އަގަކީ 25.5 މިލިއަން ރުފިޔާއެވެ. އެއްބަސްވުމުގައިވާ ގޮތުން، މި މަސައްކަތް ނިންމުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.
ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިތުރުކުރެވޭ މި ޢިމާރާތުގެ ސްކޯޕްގެ ތެރޭގައި މުހިންމު ގިނަ ޚިދުމަތްތަކެއް ހިމެނެއެވެ. އެގޮތުން، އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އަކާއި، އައިސީޔޫ (އިންޓެންސިވް ކެއަރ ޔުނިޓް)، ނާސް ސްޓޭޝަނާއި ޕްރޮސީޖަރ ރޫމް ހިމެނެއެވެ.
މީގެ އިތުރުން، މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމްސް ވެސް މި ޕްރޮޖެކްޓުގެ ދަށުން ޤާއިމުކުރެވޭނެއެވެ.
މި ޚިދުމަތްތަކުގެ ސަބަބުން ދުވާފަރުގެ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ޒަމާނީ ޞިއްޙީ ގިނަ ޚިދުމަތްތައް ރަށުން ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!