ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމަކަށް ފުލުހުންގެ ޚިދުމަތުން 13 ނޮވެމްބަރު 2025 ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަން ''އޮޕަރޭޝަން އަލިމަގު"ގައި ހައްޔަރުކުރި މީހުންގެ ތެރެއިން ޖުމްލަ 110 މީހުން ބަންދުގެ މުއްދަތު އިތުރުކޮށް، މިވަގުތު ބަންދުގައި އެބަތިބިކަމަށް ފުލުހުން ބުނެފިއެވެ.

މި އޮޕަރޭޝަންގެ މައުލޫމާތު މިއަދު ފުލުހުން އާންމުކޮށްފައިވާއިރު، މި އޮޕަރޭޝަން ވަނީ 39 ރަށެއްގައި ހިންގާފައެވެ. މި ރަށްތަކުގެ ތެރެއިން ބޮޑުތިލަދުންމަތީގައި އޮޕަރޭޝަން ހިންގާފައި ވަނީ ހއ. ހޯރަފުއްޓާއި ބާރަށް، ހދ. ކުޅުދުއްފުށީ ސިޓީ އާއި ހަނިމާދޫ އަދި ށ. ފުނަދޫގައެވެ.

Ad
rt

މިރަށްތަކުން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގައި ޖުމްލަ ހަ މީހަކު އެބަތިބިކަން މިއަދު ފުލުހުން އާންމުކުރި މައުލޫމާތުން އެނގެއެވެ. އެމީހުންނަކީ،

  • އަލީ ތަސްލީމް (38 އަހަރު)، ޕާޓްރާ/ހއ. ބާރަށް،
  • އަބޫބަކުރު ސިއްދީހް (26 އަހަރު)، އާރޯޝަން/ހދ. ހަނިމާދޫ
  • މުހައްމަދު އާދަމް (29 އަހަރު)، ސެޓްލައިޓް/ހދ. ކުޅުދުއްފުށި
  • މުޙައްމަދު ޝާމިޚް ޙަސަން ޞާދިގު (28 އަހަރު) އުއްދަނޑިމާގެ/ހދ. ކުޅުދުއްފުށި
  • ސުލައިމާން ހަސަން (37 އަހަރު) އަސްރަފީގެ/ށ.ފުނަދޫ
  • އިބްރާހިމް ސަޢީދު (37 އަހަރު) މާއޮޅު/ށ. ފުނަދޫ

މިތަނުން ޢަލީ ތަސްލީމް، އަބޫބަކުރު ސިއްދީގު އަދި މުޙައްމަދު ޝާމިޚް ޙަސަން ޞާދިގުގެ ބަންދަށް އިތުރު 7 ދުވަސް ދީފައިވާއިރު، އިބްރާހިމް ސަޢީދުގެ ބަންދަށް 10 ދުވަސް އަދި މުހައްމަދު އާދަމް އާއި ސުލައިމާން ހަސަންގެ ބަންދަށް 15 ދުވަސް ވަނީ ދީފައެވެ.

މި އޮޕަރޭޝަންގައި 29.68 ޑްރަގް އަތުލައިގެންފައިވާކަމަށް ފުލުހުން ވަނި ބުނެފައެވެ.