ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް އެހީ ހޯދުމަށް މި އަހަރު 50 ދެމަފިރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހުޅުވާލައިފިއެވެ.
އެންސްޕާ އިން ނެރުނު ޢިއުލާނެއްގައި ބުނެފައިވަނީ، "ފަރޓިލިޓީ ކެއަރ ފަންޑް" މެދުވެރިކޮށް 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާގެ ޚަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެފައި ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން 2025 ވަނަ އަހަރު "އައި.ވީ.އެފް" ގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ، އެންމެ މަތިން ޕޮއިންޓް ލިބޭ 50 ދެމަފިރިންނަށް ކަމުގައި އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
މި ފުރުސަތަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، https://one.gov.mv ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅުމުގެ މުއްދަތަކީ 20 ނޮވެންބަރު 2025 އިން ފެށިގެން 20 ޑިސެންބަރު 2025 ގެ 14:00 ނިޔަލަށެވެ. މީގެ ސަބަބުން، ފަރުވާގެ ޚަރަދު ބޮޑުކަމުން ދަތިވާ ދެމަފިރިންނަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.
އެންސްޕާ އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، "އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު އެ އެޖެންސީގެ ވެބްސައިޓްގައި ވަނީ ޝާއިޢުކުރެވިފައެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވެލައްވާނަމަ، އެޖެންސީގެ ހޮޓްލައިން 1402 އަށް ގުޅުއްވުމަށް ނުވަތަ info@nspa.gov.mv އަށް އީމެއިލް ކުރެއްވުމަށް އެންސްޕާ އިން ވަނީ އިލްތިމާސްކޮށްފައެވެ.
ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް، އޮކްޓޫބަރުގެ ނިޔަލަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އެންސްޕާއިން ކުރިން ވަނީ ބުނެފައެވެ.
އެންސްޕާގެ ތަފާސްހިސާބުތައް ދައްކާގޮތުން ފަރޓިލިޓީ ކެއަރ ޓްރަސްޓް ފަންޑުން އައިވީއެފްގެ ފަރުވާއަށް މިދިޔަ އަހަރު އެކަނިވެސް 4.78 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖުމުލަ 93 ފަރާތެއްގެ ފަރުވާއަށް 7.13 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އޭގެތެރެއިން 23 ފަރާތެއްގެ އައިވީއެފް ފަރުވާ ކާމިޔާބުވެފައިވާކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެއް ކަމަށްވާ، އައި.ވީ.އެފްއަށް ދައުލަތުގެ އެހީ އަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!