މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރު އެކުލަވާލައި މިއަދު ޝާއިޢުކޮށްފިއެވެ.
333 ނޫސް މަޖައްލާއެއް ހިމެނޭ މި ދަފްތަރު ޝާއިޢުކޮށްފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން ކޮމިޝަނާ މަތިކޮށްފައިވާ ޒިންމާގެ ތެރެއިންނެވެ.
އެމްއެމްބީސީން ހާމަކުރެއްވި ގޮތުގައި، މި ދަފްތަރު އެކުލަވާލާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، މި ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ކޮމިޝަން އެކުލަވާލުމަށްފަހު، 45 ދުވަހުގެ ތެރޭގައި، އެހިނދުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ދަފްތަރެއް އެކުލަވާލައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށެވެ.
މިގޮތުން، ކޮމިޝަނުން މިހާރު އެކުލަވާލައިފައިވާ ނޫސް މަޖައްލާގެ ދަފްތަރު ވަނީ މިއަދު ގެޒެޓްކޮށްފައެވެ. އެމްއެމްބީސީން ވަނީ މި ދަފްތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިގޮތުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ 45 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން، މި ދަފްތަރުގައި ނޫސް މަޖައްލާއެއް ރަޖިސްޓަރީކުރެވިފައި ނެތްނަމަ، ދަފްތަރު ޝާއިޢުކުރާތާ ހަތް ދުވަހުގެ ތެރޭގައި އެމިޝަނަށް ލިޔުމުން ޝަކުވާ ހުށަހަޅަން އެމްއެމްބީސީން ވަނީ އެދިފައެވެ.
އެމްއެމްބީސީން ވަނީ ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް info@mmbc.gov.mv އަށް ފޮނުވުމަށް އެދިފައެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3003995 އަށް ގުޅުއްވުމަށް ވެސް އެމްއެމްބީސީން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!