ރެހެންދި އެވޯޑް ކުޅުދުއްފުށީ ސިޓީގެ އަންހެން ދެ ބޭފުޅުން ހިމެނޭހެން 15 ބޭފުޅަކަށް ލިބިއްޖެއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކި ދާއިރާތަކުން އަންހެނުން ކުރާ މަސައްކަތްތަކާއި ގައުމީ ތަރައްގީއާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު ފާހަގަކޮށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ އެވޯޑެކެވެ.

Ad
rt

މިއަހަރުގެ އެވޯޑް ޙަފްލާގައި 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފައިވާއިރު، މިކަމަށް ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުއެވެ.

ރެހެންދި އެވޯޑު ލިބުނު ކުޅުދުއްފުށީ ސިޓީގެ ދެ ބޭފުޅުން:

ޢާއިޝަތު ޠާއިފާ، ޓޯޓަލްގޭ/ކުޅުދުއްފުށީ ސިޓީ

2024 ވަނަ އަހަރުގެ ރެހެންދި އެވޯޑް، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން ހާސިލްކުރެއްވި އައިޝަތު ޠާއިފާ( ޓޯޓަލްގޭ/ކުޅުދުއްފުށީ ސިޓީ)އަކީ، 2012 ވަނަ އަހަރުން ފެށިގެން ގާލް ގައިޑް އެސޯސިއޭޝަންގެ ވޮލަންޓިއަރެއްގެ ގޮތުގައި އަންހެނުންނާއި އަންހެން ކުދިން ބާރުވެރިކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އެ އެސޯސިއޭޝަންގެ ނެޝަނަލް ސެކްރެޓަރީގެ މަޤާމާއި، ކޮމިޝަނާ އޮފް ލިޓްލް މެއިޑްގެ މަޤާމު ފުރުއްވާފައެވެ. އޭނާ މިހާރު ހުންނެވީ އެތަނުގެ އިންޓަނޭޝަނަލް ކޮމިޝަނަރުގެ މަޤާމުގައެވެ.

ޒުވާން ލީޑަރެއްގެ ހައިސިއްޔަތުން ބައިނަލްއަޤްވާމީ ފޯރަމްތަކުގައި ރާއްޖެ ތަމްސީލުކުރައްވައި، އަންހެން ކުދިންނަށް ބައިނަލްއަޤްވާމީ ފުރުޞަތުތައް ހޯއްދަވައިދެއްވުމުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

ކޮމިޝަނަރުންގެ އޭޝިއާ ޕެސިފިކް ލީޑާޝިޕް އެވޯޑާއި، 2021 ވަނަ އަހަރުގެ ޒުވާނުންގެ ޤައުމީ އިނާމުވެސް ޠާއިފާ އަށް ވަނީ ލިބިވަޑައިގެންފައެވެ. 2013 ވަނަ އަހަރުން ފެށިގެން ހޯޕް ފޯ ވިމެންގެ އެކްޓިވް މެންބަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ޠާއިފާ ގެންދަވަނީ ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ޖެންޑާ ޓްރެއިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

އަސްމާ ހަސަން، ހިކިފިނިފެންމާގެ/ކުޅުދުއްފުށީ ސިޓީ (އިޖުތިމާޢީގޮތުން ބާރުވެރިކުރުމުގެ ދާއިރާ)

އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުމުގެ ދާއިރާއިން 2024 ވަނަ އަހަރުގެ ރެހެންދި އެވޯޑް ލިބިވަޑައިގެންނެވި އަސްމާ ހަސަން، ހިކިފިނިފެންމާ، ހދ. ކުޅުދުއްފުށްޓަކީ ބްރޯޑްކާސްޓިންގް ދާއިރާގައި 32 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ.

1992 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް އިންފޮރމޭޝަން (މިހާރުގެ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަން) އާ ގުޅިވަޑައިގެން އެކި މަޤާމުތަކުގައި މަސައްކަތް ކުރެއްވުމަށްފަހު، މިހާރު އޭނާ ހުންނެވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމުގައެވެ.

އަސްމާއަކީ އަމިއްލަ އިސްނެގުމުގެ މަތިން ހިލޭ ސާބަހަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރުން ފެށިގެން ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑީވްސް (ބައިކް މޯލްޑިވްސް) ގައި ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ބައިކް މޯލްޑިވްސް އުފެދުނީއްސުރެ ހިންގާފައިވާ ހުރިހާ ހަރަކާތްތަކެއް ކާމިޔާބު ކުރުމުގައި އަސްމާ މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ. މި މަސައްކަތްތަކުގެ މަޤުޞަދަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމުގެ އާދަ އާންމުކުރުމާއި މުޖުތަމަޢާއި ޤައުމަށް ފައިދާހުރި ކަންތައްތައް ކުރުމެވެ.

މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން، އިންޖީނުލީ އުޅަނދު މަދުކޮށް ބައިސްކަލަށް މީހުން އަހުލުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އުވެމުންދިޔަ މި ހަރަކާތްތަކަށް މީހުން ހޭލުންތެރިވެ ބައިސްކަލް ބޭނުންކުރާ މީހުން އިތުރުވުމަކީ އަސްމާގެ އެންމެ ބޮޑު ކާމިޔާބީ ކަމަށް އެކަމަނާ ފާހަގަކުރައްވައެވެ.

2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބުނު ބޭފުޅުން

  • އާއިޝަތު ހުސައިން، އަތަމާގެ/ގއ.ކަނޑުހުޅުދޫ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ޘުރައްޔާ އިބްރާޙިމް، ރިނގު/ތ.ކިނބިދޫ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އާމިނަތު އާދަމް ކޮއި، ދަފްތަރު ނަމްބަރު އާރް،އެސް 2823/ކ.މާލެ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އާމިނަތު ރީމާ ރަޝީދު، ހ.ލައިޓްސްޓާރ/ކ.މާލެ - ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
  • ޑރ. ރުޚްޝާނާ އަޙްމަދު، މ.ހުދުކާނޭޝަން/ކ.މާލެ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ސަމީނާ އިބްރާޙީމް، ދޫރެސް/ތ.ވިލުފުށި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • ސަފާތު އަޙްމަދު ޒާހިރު، ހުޅުމާލެ ގޯތި 10228/ހުޅުމާލެ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
  • އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
  • އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
  • ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ

2025 ވަނަ އަހަރުގެ ރެހެންދި އެވޯޑު ލިބުނު ބޭފުޅުންނާއި ފަރާތް

• އަލްއުސްތާޛާ މަރްޔަމް އިނާޝާ، މާވިން/ކ.ކާށިދޫ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• މަރްޔަމް މުރުޝިދާ، ތަނޑިރަތްމާގެ/ތ.ވިލުފުށި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އަސްމާ ޙަސަން، ހިކިފިނިފެންމާގެ/ހދ.ކުޅުދުއްފުށި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޢާއިޝަތު ޠާއިފާ، ޓޯޓަލްގެ/ހދ.ކުޅުދުއްފުށި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ވިމެން އެންހޭންސްމަންޓް (އެންޖީއޯ) - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ

މި އެވޯޑަކީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އަންހެނުންގެ ދުވަހާ ދިމާކޮށް ޖެންޑާ މިނިސްޓްރީން ދެމުންދާ އެވޯޑެކެވެ.

ރެހެންދި އެވޯޑު ދިނުމުގެ މަގުސަދަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރު އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ.