ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަޙައްދަކުން އެންމެ ބޮޑު ޙައްލެއް ލިބޭނެ މަޝްރޫޢެއްގެ ގޮތުގައި ސަރުކާރުން ކުރިއަށްގެންދަވާ ރަސްމާލޭ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ ވަރަށް މުހިންމު މަސައްކަތެކެވެ.

Ad
rt

ރަސްމާލެ މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ އެކި ސަރަޙައްދުތައް، އެކި މަރުޙަލާތަކަށް ބަހާލައިގެންނެވެ. މިހާރު ވެސް 3 ސަރަޙައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، އެންމެ ފުރަތަމަ ނިންމާލެވުނު ސައިޓް-ޖޭގެ ސައްތަ އިންސައްތަ މިހާރު ވަނީ ހިއްކާ ނިންމާލާފައެވެ. މީގެ އިތުރުން ސައިޓް-އެލް ގެ މަސައްކަތް 25.53 އިންސައްތަ ނިމިފައިވާއިރު، ސައިޓް-ސީގެ 20.09 އިންސައްތަ ވަނީ ނިންމާލާފައެވެ.

444233_ec902be2-0_.jpg

ރަސްމާލެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ މުހިންމު އެއް ވަޢުދުފުޅަށް ވާއިރު، މި މަޝްރޫޢުގެ ކުރިއެރުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތު ވަރަށް ބޮޑެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15،000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފައެވެ.

444212_a8330459-a_.jpg

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމަށާއި، އިތުރު ޑްރެޖަރުތަކާއެކު ރަސްމާލޭ ބިންހިއްކުމުގެ ދުވެލި 3 ގުނަ ހަލުވިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

444208_e078a01f-1_.jpg

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލޭގައި ޖުމްލަ 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

444251_ea14db79-b_.jpg

ރަސްމާލެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި ޒިޔާރަތުގައި، ދަޢުލަތުގެ ބައެއް ވަޒީރުންނާއި، މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި މި ޒިޔާރަތުގައި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަތައް ވަނީ ރައީސަށް ހިއްސާކުރައްވާފައެވެ.