މައްކާ ރޫޓްގެ ދަށުން ޙައްޖުގެ ޚިދުމަތް ރާއްޖެއަށް ދާއިމީ ކޮށް ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާކަމަށް މައްކާރޫޓާ ބެހޭ އެންމެ މަތީ ކޮމިޓީއިން މިއަދު ވިދާޅުވެފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ.

ސަޢުދީ ޢަރަބިއްޔާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ސުޕަވައިޒަރީ ކޮމެޓީއާއި ބައްދަލުކުރައްވާ، މުހިންމު ނިންމެވުމެއްގެ މަގު ފަހިކޮށްދެއްވާފައެވެ.

Ad
d

މި ނިންމެވުމަކީ ދިވެހި ޙައްޖުވެރިންނަށް ޙައްޖުގެ އަޅުކަމުގެ ދަތުރު ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމެކެވެ. މިއަދުގެ ބައްދަލުވުމުގައި އެކޮމިޓީގައި ހިމެނޭ ސައުދީގެ ހައްޖު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާއި އޭވިއޭޝަނާއި އިމިގްރޭޝަނާއި ދާޚިލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މައްކާ ރޫޓް ދާއިމީކުރުމަށް ނިންމެވުމުގެ ކުރިން، މިދިޔަ އަހަރުގެ ޙައްޖަކީ ރާއްޖެއަށް މައްކާރޫޓްގެ ތަޖުރިބާގެ ފަހަރު ކަމުގައި ސައުދީ ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.

މި ތަޖުރިބާ ކާމިޔާބު ކުރުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދިވެހި ސަރުކާރުގެ މުއައްސަސާތަކާއި އެއާޕޯޓާއި ކަސްޓަމްސްއާއި އިމިގްރޭޝަނާއި މޯލްޑޮވްސް ޙައްޖު ކޯޕަރޭޝަންއާއި އޭވިއޭޝަން ސެކިއުރިޓީއާއި ރައްޔިތުން ދެއްވި އެއްބާރުލެއްވުމާއި މުހިންމުކަން ސައުދީ ސަރުކާރުން ވަނީ ޚާއްޞަކޮށް ފާހަގަކުރައްވާފައެވެ. މި އެއްބާރުލުންތަކުގެ ސަބަބުން މި ޚިދުމަތް ދާއިމީކުރުމަށް މަގުފަހިވިއެވެ.

މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ދާއިމީކޮށްދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

"މިކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ ނަންފުޅުގައާއި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު އަދާކުރަން،" ވަޒީރު ވިދާޅުވިއެވެ.

Ad
df

މިއީ ދިވެހި ޙައްޖުވެރިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެކެވެ.