މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުހިންމު މިޑްފީލްޑަރު އަދި ހއ. އުތީމަށް އުފަން އަހުމަދު އައިހަމް (ފަތޯ)، އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅެން އޮތް މެޗުގެ ސްކޮޑުން ބާކީކޮށްފި އެވެ.
މި ނިންމުމާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. އެގޮތުން، ރަށު ފުޓްބޯޅައަށް މިކަމުގެ ސަބަބުން ނިކަމެތިކަން ލިބޭ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އައިހަމް ގައުމީ ސްކޮޑުން ބާކީކުރަން އެފްއޭއެމް އިން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ، ހުއްދަ ހޯދުމެއްނެތި ފުޓްސަލް މުބާރާތެއްގައި އޭނާ ކުޅެފައިވުމާއި، އިއްޔެ ހަވީރު ބޭއްވި ޕްރެކްޓިސް ސެޝަނުގައި ބައިވެރިނުވުމެވެ. އެފްއޭއެމްގެ ބަޔާނެއްގައި ބުނެފައި ވަނީ، ގައުމީ ޓީމުގައި ހިމެނި ގައުމު ތަމްސީލްކުރާ ކުޅުންތެރިންގެ ފަރާތުން ޒިންމާދާރުކަމާ އެކު ޕްރޮފެޝަނަލް ކަމުގެ އެންމެ ރަނގަޅު މިންގަނޑުގެ ތެރެއިން ކަންކަން ކުރުމަށް އެދޭ ކަމަށެވެ.
އައިހަމް ކުޅުނީ ހއ. އަތޮޅު ކައުންސިލުން ބާއްވާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" ގެ ފައިނަލަށް ދަތުރުކޮށްފައިވާ އުތީމު ޓީމަށެވެ. މި މުބާރާތް ބާއްވަނީ ވެސް އައިހަމްގެ އުފަން ރަށް ކަމުގައިވާ އުތީމުގަ އެވެ.
އައިހަމް ޓީމާ ގުޅުނީ ވެސް ފިއްލަދޫ އާއި އެކު މިމަހު 9 ގައި ކުޅުނު ސެމީ މެޗަށެވެ. އުތީމަށް ސެމީ ކަށަވަރުވި ލަނޑު، މެޗުގެ ތިން ވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އައިހަމްއެވެ.
އައިހަމް އަކީ މި ވަގުތަށް ބަލާއިރު، ރާއްޖޭގައި އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއެރުން ހޯދަމުން އަންނަ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިދިޔަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދައި، މިދިޔަ މަހު ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.
ގައުމީ ޓީމުން އައިހަމް ބާކީކުރަން ނިންމާފައި މި ވަނީ، މި މަހު 18 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ފިލިޕީންސާ ދެކޮޅަށް ކުޅޭ އޭޝިއަން ކަޕްގެ ކޮލިފައިން މެޗަށް 25 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ނަގައި ޕްރެކްޓިސްތައް ފަށާފައި ވަނިކޮށެވެ.
މި ނިންމުމާ ގުޅިގެން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ސުޖާއު ވަނީ އެފްއޭއެމްގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، "ފުޓްބޯޅަ އެސޯސިއޭޝަންގެ ނިންމުން ބަލައިގަންނަން ދަތި. އައިހަމް ސްކޮޑުން ވަކިކުރުމަށް ތިޔަ ދެއްކި އުޒުރުން ރަށު ފުޓްބޯޅައަށް ލިބެނީ ނިކަމެތިކަން. އައިހަމް އަކީ އުތީމުގެ ފަޚުރުވެރި ދަރިއެއް. އަޅުގަނޑުމެންގެ އަތޮޅުގެ އެންމެ ޝަރަފްވެރި މުބާރާތް ކުޅުމުގެ ފުރުޞަތު އަތޮޅުގެ ދަރިންނަށް ލިބެންވާނެ. އައިހަމްއަށް ހިތްވަރުދެން. ކާމިޔާބަށް އެދެން. އެފް.އޭ.އެމް ގެ ނިންމުން އަނބުރާ ގެންދިއުމަށް ގޮވާލަން." އެވެ.
މީގެ ކުރިން ވެސް ކްލަބް މޯލްޑިވްސް ކަޕްގައި ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް ކުޅެން ހުއްދަ ނުދޭން އެފްއޭއެމް އިން ނިންމާފައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!