ރާއްޖޭގެ އުތުރުގެ ހިމޭން ކަނޑުތަކުގައި، ރިސޯޓުތަކާ ދުރުގައި، ހުވަފެނެއް ފަދަ ރީތި ސިއްރެއް ފޮރުވިފައިވެއެވެ. މިއީ ހދ. އަތޮޅުގައިވާ ވައިކަރަދޫގެ ފަޅުތެރޭގައިވާ މުއްސަނދި މުރަކައިގެ ބަގީޗާއެވެ. މިއީ ރާއްޖެ އަށް ދަތުރުކުރާ ފަތުރުވެރިންނާއި ފޮޓޯގުރާފަރުންގެ ލޯމަތިން ގެއްލިފައިވާ ބަގީޗާއެކެވެ.
މިފަހުން، މި މުއްސަނދި ޤުދުރަތީ ބަގީޗާ ދިވެހިންގެ ލޯތަކަށް ގެނެސްދިނީ ވައިކަރަދޫގެ ޒުވާނުންތަކެކެވެ. މީސްމީީޑިއާގައި ވައިރަލްވި ވައިކަރަދޫ ފަޅުތެރޭގެ ވީޑިއޯތަކަށް ގިނަބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ގިނަބަޔަކަށް ހައިރާންކުރުވަނިވި މަންޒަރުތަކަކަށް އެވީޑިއޯތައް ވެގެން ދިޔަ އިރު އެއީ ހަމަ ހަޤީގަތުގައިވެސް ރާއްޖޭގެ ރަށެއްގައި ނަގާފައިވާ ވީޑިއޯތަކަކާއިމެދު ޝައްކު އުފެއްދި އެވެ. އެތަނުގެ ދިރުމާއި ރީތިކަން ހުރިގޮތުން އެއީ އޭއައި އިން އުފައްދާފައިވާ މަންޒަރެއްތޯވެސް ބައެއް މީހުން ސުވާލުކުރިއެވެ.
ވީޑިއޯ ބަލާލުމުގެ ކުރިން، އާދައިގެ މުރަކަ ފަރުތަކާ ބެހޭގޮތުން އެނގިފައިވާ ހުރިހާ އެއްޗެއް ހަނދާން ނައްތާލާށެވެ. ވައިކަރަދޫގެ ވަށައިގެންވާ ފަޅުގައި އެކި ދުވަސްވަރުމަތިން ފީނާ އެތަނުގެ ޤުދުރަތީ ރީތިކަން ލޮލުންދެކެ އަތުން ހިފާފައިވާ ޒުވާނަކު ކިޔައިދިން ގޮތުގައި، ވައިކަރަދޫ މުރަކަ ބަގީޗާ އަކީ ސާފު ކަނޑުގެ ލޮނުގަނޑުގެ އަޑީގައި، ދިރުންހުރި، ވަރަށް ބޯ މުރަކަތަކުން މުއްސަނދިވެފައިވާ ބަގީޗާއެކެވެ.
ހދ. ވައިކަރަދޫ-- ފޮޓޯ: ހަސީން
"ވައިކަރަދޫގެ މުރަކައިގެ ބަގީޗާއަކީ ހަމައެކަނި ފަރެއް ނޫން، އެއީ މަގުތައް ގިނަ ޖަންގައްޔެއް. ވައިކަރަދޫގެ ވަށައިގެންވާ މުރަކަ ކޮލޮނީގެ ބޮޑު މިނާއި ދިރުން ދައްކުވައިދެނީ އެ ސަރަހައްދުގެ ކަނޑުގެ މާހައުލުގެ ސާފުކަމާއި މުއްސަނދިކަން. އެއީ އަދިވެސް ދިރުން އޮތް އިކޯސިސްޓަމެއް. އެއީ، ކަނޑުތަކުގެ ދިރުން އާލާކުރުމުގެ ރަނގަޅު ހާލަތު ދައްކުވައިދޭ އުއްމީދީ މަންޒަރެއް"
އެޒުވާނާ ބުންޏެވެ.
ވައިކަރަދޫއަށް އުފަން ޒުވާނެއް ކަމުގައިވާ މުޙައްމަދު ހައްސާނު، މީގެ ދެދުވަހެއް ކުރިން މީސްމީޑިއާގައި ހިއްސާކުރި ވީޑިއޯ އަށް ފޭސްބުކުގައި އެކަނިވެސް ލައްކައެއްހާ މީހުންވަނީ ބަލާފަ އެވެ. އެވީޑިއޯއިން ފެންނަނީ އެ ސަރަހައްދުގެ ބޮޑުބަޔަކަށް މުރަކަތައް ފެތުރިފައިވާތަނެވެ. މި މުރަކަތަކުގެ ގޮފިތަކަށް އިރުގެ އަލިކަން އެޅުމުން އިތުރަށް ޗާލުވެގެން ދެއެވެ. ހައިރާން ކުރަނިވި އަނެއްކަމަކީ މުރަކަތައް އެއްވެސް ވަރެއްގެ ގެއްލުމެއް ލިބިފައިނުވާ ކަމާއި މުރަކަތައް ވަރަށް ބޯކޮށް ރަނގަޅު ސިއްހަތެއްގައި ހުރުމެވެ. އަދި މުރަކަތަކުގެ މެދުން ހެދިފައިވާ މަގުތަކުގައި މަސްތައް އުޅޭ ރީތި މަންޒަރެވެ.
11 ސިކުންތުގެ ކުރު މި ވީޑިއޯއިން އެންމެން އާޝޯޙުކޮށްލިއިރު ޔަޤީންވާކަމަކަކީ، މިފަދަ ބޮޑު ބަގީޗާއެއް އެކަހެރިކޮށް ނޯންނާނެކަމެވެ. ވައިކަރަދޫގެ ވަށައިގެންވާ ނަލަ ފަރަކީ ކަނޑުގެ ދިރުންތަކުގެ ބޮޑު ޝަހަރެއްކަމެވެ. އަދިވެސް އިތުރަށް ބަލައި ހޯދައިފި ނަމަ މިފަދަ އެތަކެއް ރީތި ގަޔާވާ މަންޒަރުތަކެއް ފެނިގެންދާނެކަމެވެ.
މީގެ ކުރިން ވައިކަރަދޫ ތުނޑީކޮޅުގެ އޭރިއަލް ވީޑިއޯ އަކަށްވެސް ގިނަބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެއީ، ހައްސާނުގެ ކޮއްކޮ ހަސީނު ޓިކްޓޮކްއަށް ދޫކޮށްލި 19 ސިކުންތުގެ ވީޑިއޯއެކެވެ. އެއްލައްކަ ތިރީސް ފަސްހާސް މީހުން ބަލާފައިވާ އެ ވިޑިއޯއިން ފެންނަނީ، ވިލު ނޫކުލައިގެ ބިއްލޫރިކޮޅެއް ފަދަ މޫދުގެ އަޑިން، މުރަކައިގެ ބިޔަ ބަގީޗާ އެއް ވަށައިގެން އޮތް އިރު، އޮމާން ކަނޑާއި އުދަރެސް އެކުވެ ގެއްލިފައިވާ ދިމާއަށް ކެނޯއެއްގައި ހަސީނު ފަލި ޖަހަމުންދާ މަންޒަރެވެ.
ކުރިން ވާހަކަ ދެއްކި ޒުވާނާ ބުނީ މިއީ އަދި ވައިކަރަދޫގެ ވަށައިގެންވާ ރީތި ފަރުން ކުޑަ މިންވަރެއްކަމަށެވެ. އޭނާ ބުނާގޮތުންނަމަ، މި ބަޔޯޑައިވަރސިޓީގެ ސަބަބުން މިތަނުގައި ސްނޯކްލިން ނުވަތަ ޑައިވިން ކުރުމަކީ ހަނދާން ނުނެތޭނެ ތަޖުރިބާއަކަށް ވެގެންދާނެކަން ޔަޤީނެވެ. އެޒުވާނާ ދައުވަތުދެނީ ވައިކަރަދޫގެ މުރަކައިގެ ބަގީޗާއަށް ޒިޔާރަތްކޮށް އަމިއްލައަށް ބަލައި ވީޑިއޯ ކުރުމަށެވެ.
ހައްސާނާއި ހަސީނުގެ ވީޑިއޯގެ އިތުރުން ވައިކަރަދޫގެ ރީތި މަންޒަރުތައް މީސްމީޑިއާގައި ހިއްސާކުރަމުން އަންނަ "ވައި ކަރަ ދޫ" ފޭސްބުކް ޕޭޖުންވެސް ވަނީ ދިޔަވަރުހިކި ހުރާގަނޑު ހިކިފައިވާ ދުވަހެއްގައި "ލީފް ޕްލޭޓް ބަގީޗާ" ގެ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ. އެވީޑިއޯއިން ފެންނަ ލީފް ޕްލޭޓް މޮންޓިޕޯރާ (Montipora capricornis) އަކީ އެކްރޮޕޮރިޑޭ އާއިލާއަށް ނިސްބަތްވާ، ކުދި ޕޮލިޕް ހުންނަ (އެސް.ޕީ.އެސް.) ކަޅުފަތުގެ ބާވަތެއްގެ މުރަކަ އެކެވެ. މި ބާވަތަށް ވޭސް ކޮރަލް، ކެޕް ކޮރަލް، ނުވަތަ ޕްލޭޓިންގ މޮންޓިޕޯރާގެ ނަމުން ވެސް މުޚާޠަބު ކުރެވެއެވެ.
ހދ. ވައިކަރަދޫ ތުނޑީކޮޅުގައި އޮންނަ މުރަކަތައް.-- ފޮޓޯ: ހަސީން
"ލައްކައެއް ކީއްކުރަން މިލިޔަނުން ވިއުސް ލިބޭނެފަދަ ޝައުގުވެރި އެތަކެއް މަންޒަރުތަކެއް ވައިކަރަދޫ ވަށައިގެންވާ މުރަކަ ބަގީޗާތަކުގެ ތެރެއިން ލިބޭނެ"
ވައިކަރަދޫ މުރަކައިގެ ބަގީޗާއަކީ ވަރަށް ނާޒުކު ތަބީޢީ ޚަޒާނާއެކެވެ. އެހެންކަމުން، މި ރީތިކަން ރައްކާތެރިކުރުމަށްޓަކައި ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާއެއް އަދާކުރުން މުހިންމެވެ. އެގޮތުން ސަންސްކްރީމް ބޭނުން ކުރާނަމަ ރީފް-ސޭފް ސަންސްކްރީމް ބޭނުންކުރުމާއި، މުރަކަތަކުގައި އަތްލާ ގެއްލުން ނުދީ ފަރުތަކުގެ ދިރުންތަކަށް ސަމާލުކަން ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. އެއީ، މި ތަބީޢީ ރީތިކަން އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
Stunning Vaikaradhoo Coral Garden Goes Viral as Youth Spotlight Hidden Marine Wonder

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!