ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025"ގެ ފައިނަލުގެ ފުރަތަމަ ޖާގަ މުރައިދޫ އިން ކަށަވަރުކޮށްފިއެވެ.

މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މުރައިދޫން ކަށަވަރުކުރީ އެންމެ ފަހުގެ ޗެމްޕިއަން އިހަވަންދޫ އާއި އެކު މިއަދު ހަވީރު ކުޅުނު ސެމީފައިނަލްގައި ޕެނަލްޓީގައި 2-3 އިން ކުރި ހޯދައިގެންނެވެ.

Ad
rt

އުތީމު ރަސްމީ ފުޓްބޯޅަ ދަނޑުގައި މި މުބާރާތަށް ޚާއްޞަކޮށް ހަދާފައިވާ ފުޓްސަލް ދަނޑުގައި ކުޅުނު މި މެޗުގެ ނަތީޖާ ނެރުނީ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

މި މެޗުގެ ޕެނަލްޓީގެ ވަގުތުގައި ފުރަތަމަ ޕެނަލްޓީ ޖެހީ އިހަވަންދޫންނެވެ. މުބާރާތުގައި މޮޅު ކުޅުމެއްކުޅުނު އިހަވަންދޫގެ ހާމިދު ޖެހި މި ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. މުރައިދޫ ފުރަތަމަ ޕެނަލްޓީ އުފާލް ޢަބުދުﷲ ޖަހާފައިވާއިރު، މި ޕެނަލްޓީ އިހަވަންދޫ ކީޕަރު ނައްސާނު ވަނީ ދިފާޢު ކޮށްފައެވެ.

އިހަވަންދޫގެ ދެވަނަ ޕެނަލްޓީ ނާއިޝް ޖަހައިދިންއިރު، މި ޕެނަލްޓީ ވެސް ވަނީ ގޯލްގެ އަރިމަތި ދަނޑީގައިޖެހި ނާކާމިޔާބުވެފައެވެ. މުރައިދޫގެ ދެވަނަ ޕެނަލްޓީ ޖެހީ ނަޒްމީން އެވެ. އެ ޕެނަލްޓީ އޭނާ ވަނީ ގޯލްގެ ތެރެއަށް ވައްދާލާފައެވެ.

އިހަވަންދޫގެ ތިންވަނަ ޕެނަލްޓީ ކެމްޕަން ފަޒީލް ކާމިޔާބުކޮށްދިންއިރު، މުރައިދޫ އިން ތިންވަނަ ޕެނަލްޓީ އިޔާން ވަނީ ކާމިޔާބުކޮށްދީފައެވެ.

އިހަވަންދޫގެ ހަތަރުވަނަ ޕެނަލްޓީ ޖެހީ ޝިފާޒް އެވެ. އެ ޕެނަލްޓީ މުރައިދޫގެ ކީޕަރު ދިފާޢު ކުރިއިރު، މުރައިދޫގެ ހަތަރު ވަނަ ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ. އަދި އިހަވަންދޫ އަށް މުބާރާތް ނިމުނީ ފަހު ޕެނަލްޓީ ދަނޑީގައިޖެހި ނާކާމިޔާބު ވުމުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުރައިދޫ ޓީމުގެ ކީޕަރު ޢަބުދުﷲ ޢަބުދުލް ޢަޒީޒެވެ.

މިރޭ 20:30 ގައި ކުޅޭ މި މުބާރާތުގެ ސެމީގެ ދެނަ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ރަށް އުތީމާއި، ހއ.ގެ ވެެރިރަށް ދިއްދޫއެވެ.