ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "ތިލައުތުރު ފުޓްސަލް މުބާރާތް 2025" މުރައިދޫ އާއި ބާރަށް ބައްދަލުކުރި މެޗުން މުރައިދޫ މޮޅުވެ، ވަށަފަރާއި އުތީމު ބައްދަލުކުރި މެޗުން ދެ ޓީމު އެއްވަރު ވެއްޖެއެވެ.

ހއ. އުތީމުގައި މިހާރު ކުރިއަށްދާ މި މުބާރާތުގެ 5 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ މުރައިދޫ އާއި ބާރަށު ޓީމެވެ. މުރައިދޫ ޓީމުން ވަނީ 2-3 ގެ ނަތީޖާ އަކުން ކުރިހޯދައި، ބާރަށު ޓީމު ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވަނީ މުރައިދޫ ޓީމެވެ.

Ad
rt

މިގޮތުން މުރައިދޫ އާއި ބާރަށް ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗު' ލިބިފައިވަނީ މުރައިދޫ ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ނަޒްމީން އެވެ.

މީގެ އިތުރުން މުރައިދޫ އަދި ބާރަށް ބައްދަލުކުރި މެޗަށް ފަހު މި މުބާރާތުގެ 6 ވަނަ މެޗުގައި މިއަދު ހަވީރު ވާދަކުރީ ވަށަފަރާއި އުތީމު ޓީމެވެ. މި މެޗުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު، މެޗު ނިމުނީ 0-0 ގެ ނަތީޖާ އަކުން އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ވަށަފަރާއި އުތީމު ބައްދަލުކުރި މެޗުގެ 'މޭން އޮފް ދަ މެޗު' ލިބިފައިވަނީ އުތީމު ޓީމުގެ ކުޅުންތެރިޔާ މުޙައްމަދު ރިފާއު އަށެވެ.

މި މުބާރާތުގައި މިރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ދިއްދޫ އާއި ކެލާ ޓީމެވެ. އަދި މި ދެ ޓީމުގެ މެޗަށް ފަހު މިރޭ ހޯރަފުއްޓާއި އިހަވަންދޫ ވާދަކުރާނެއެވެ.