އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ބާރަށު ދާއިރާގެ ސްކޫލްތައް ގުޅިގެން، ބާރަށު ދާއިރާގެ ސްކޫލްތަކުގެ ދަރިވަރުން އޯލެވެލްއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމުގައި އިސް ދައުރެއް އަދާކުރެއްވި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު، މި ޕްރޮގްރާމް ފެށުމާއި ގުޅޭގޮތުން ވިދާޅުވެފައި ވަނީ، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި ރަންވަނަތައް ހޯދަމުންގެންދާ ކާމިޔާބު ސްކޫލެއް ކަމަށެވެ.

Ad
rt

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ ޓީޗިންގ ތަޖުރިބާ ބާރަށު ދާއިރާގެ ސްކޫލްތަކުގެ ދަރިވަރުންނަށް ލިބުމަކީ އޯލެވެލް އަށް ތައްޔާރުވާ ދަރިވަރުންނަށް އިތުރު ތަމްރީނާއި ތަޖުރިބާތަކެއް ލިބިގެންދާނެ ކަމެއްކަމަށް ޝުޖާޢު ފާހަގަކުރަށްވާފަވެއެވެ.

ޝުޖާޢު ވިދާޅުވިގޮތުގައި މިޕްރޮގްރާމްގެ ދަށުން އަހްމަދިއްޔާ ސްކޫލާއި ބާރަށު ދާއިރާގެ ސްކޫލްތަކުގެ ވެރިން ގުަޅިގެން އެކުލަވާލާ ޝެޑިއުލެއްގެ ދަށުން އަހްމަދިއްޔާ ސްކޫލްގެ ޓީޗަރުން ދާއިރާގެ ސްކޫލްތަކަށް ކޭންޕްތައް ހިންގާނެއެވެ.

‘’އަޅުގަނޑުގެ އެދުމަށް އަހްމަދިއްޔާ ސްކޫލުން މިއިންތިޒާމް ހަމަޖައްސަވައި ދެއްވިކަމަށްޓަކައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދަށާއި ސްކޫލްގެ މެނޭޖްމެންޓަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރުދަންނަވަން’’ ޝުޖާޢު ވިދާޅުވެފަވެއެވެ.

‏މި ޕްރޮގްރާމް މިހާރު ފަށާފައިވާއިރު، އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓީޗަރުންނާއެކު މިއަދު ބާރަށު ސްކޫލްގައި ވަނީ ސްޓަޑީ ކޭމްޕެއް ބާއްވާފައެވެ.

މި ކޭމްޕްގެ މިއަދުގެ ސެޝަންގައި ބާރަށު ސްކޫލްގެ ދަރިވަރުންނާއި މުރައިދޫ ސްކޫލްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމް ފެށުމާއި ގުޅިގެން ޝުޖާޢު ވިދާޅުވީ، ޖީލެއްބިނާކުރުމަށް⁩ ކުރެވޭ މަސައްކަތުގައި އަހްމަދިއްޔާ ސްކޫލްގެ ޓީޗަރުންގެ ދީލަތި އެހީ ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޝުޖާޢު ވަނީ މިޕްރޮގްރާމްގެ އެހީތެރިކަމާއެޖު ކުރިއަށް އޮތް އޯލެވެލް އިމްތިޚާނުގައި ބާރަށު ދާއިރާގެ ދަރިވަރުން ރަގަޅު ވަނަތަކެއް ހޯދުމަކީ އުންމީދު ކަމަށް ވިދާޅުވެފައެވެ.

ބާރަށު ދާއިރާގައި ހަތަރު ރަށް އޮވެއެވެ. އެއީ ބާރަށް، މުރައިދޫ، އުތީމު އަދި ތަކަންދޫ އެވެ.