ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ނޮވެންބަރު 3 ގެ ޝަރަފުގެ ޚާއްޞަ އައްޑަނަ މިއަދު އަރުވައިފިއެވެ.
ރައީސް މައުމޫނަށް މި އައްޑަނަ އަރުވާފައި ވަނީ މިއަދު ހެނދުނު މާލޭ ސޯޝަލް ސެންޓަރުގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މި ޝަރަފް ރައީސް މައުމޫނަށް އެރުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިވެހިންގެ ހާއިނުންގެ ބަޔަކާއި ގުޅިގެން ދިން ޢުދުވާނީ ޙަމަލާގައި ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ.
އެއިރު ރާއްޖޭގެ ރައީސްކަމުގައި ހުންނެވީ، ރައީސް މައުމޫނެވެ.
ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ޖުމްލަ 19 ބޭފުޅުން ޝަހީދުވިއެވެ. އޭގެ ތެރޭގައި ސިފައިންގެ ތެރެއިން 8 ބޭފުޅުންނާއި، ޢާންމުންގެ ތެރެއިން 11 ބޭފުޅުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!