ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން ޝަރީޢަތް ނިމެންދެން ބަންދުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ގެންދިޔުމުން ޝަރީޢަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.
ފޭރުމުގެ މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
- މާޒިން މޫސާ (25އ)، ރޭޝަމް /ލ.މާވަށް،
- އަޙްމަދު ރައިހާން ނަޢީމް (20އ)، މ. ކޯރަސް /މާލެ،
- އިބްރާހީމް އަނޫފް (24އ)، އަޅިވިލާގެ /ކ.ގުރައިދޫ،
- ޙުސައިން ޝަހުދު (30އ)، އަޅިވިލާގެ / ކ.ގުރައިދޫ،
ފުލުހުން މިއަދު ބުނިގޮތުގައި މި ފޭރުމުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ ލޯންޗެއް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މިކަމާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. ސޫޓް ކޭސް ފޭރިގަތުމަށްފަހު އެ މީހުން ވަނީ ލޯންޗެއްގައި ފިލާފައެވެ.
އެމީހުން ހައްޔަރުކުރީ ފިލައިގެންގޮސް ކ. ހުރާގައި ތިއްބައި ހަމަ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!