ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ފަށާ މުބާރާތެއްކަމަށްވާ، ''ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/2026'' ގެ އުތުރު ރީޖަން ޒޯނުގެ މެޗު، މިއަދު ކުޅުދުއްފުށި ސިޓީގައި ފެށުމަށް ހަމަޖެހިއްޖެއެވެ.
މުޅި ޖުމްލަ 47 ޓީމާއެކު ފަށާ މި މުބާރާތުގައި، އުތުރު ރީޖަން އިން އެންްމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުއްޓާއި ނެއްލައިދޫ ޓީމު ބައްދަލުކުރާ މެޗުން މިއަދު ހަވީރު 15:50 ގައެވެ.
މިގޮތުން މި މުބާރާތުގެ ޝެޑިއުލް ނެރެފައިވާއިރު، މާދަމާ ހަނިމާދޫ އާއި ނޮޅިވަރަމް ބައްދަލުކުރާއިރު، 4 ނޮވެންބަރ ގައި ވާދަކުރަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމެވެ. އަދި މި މަހުގެ 5 ވަނަ ދުވަހު ނެއްލައިދޫ އާއި ހަނިމާދޫ ވާދަކުރާއިރު، 7 ވަނަ ދުވަހު ކުޅުދުއްފުއްޓާއި ހަނިމާދޫ ވާދަކުރާނެއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.
މީގެ އިތުރުން މި މުބާރާތުގައި އުތުރު ރީޖަން ގެ ދަށުން ހއ. އަތޮޅުން ބައިވެރިވެފައިވަނީ 2 ޓީމެވެ. އެއީ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމެވެ. މި ދެ ޓީމު ބައްދަކުރާ މެޗު ޝެޑިއުލް ކުރެވިފައިވަނީ މި ނޮވެންބަރ މަހުގެ 6 ވަނަ ދުވަހު އާއި 9 ވަނަ ދުވަހު އެވެ.
އަތޮޅުތެރޭގެ ތިން ސަރަހައްދު ޒޯންތައް ބަހާލާފައިވާ ގޮތް:
އުތުރު ރީޖަންގެ ޒޯން 1: ހއ. ހދ. އަދި ށ.
އުތުރު ރީޖަންގެ ޒޯން 2: ނ. ރ. ބ. އަދި ޅ.
ސެންޓްރަލް ރީޖަންގެ ޒޯން 1: ކ. އއ. އަދި އދ.
ސެންޓްރަލް ރީޖަންގެ ޒޯންގެ 2: ވ. މ. ފ. އަދި ދ.
ދެކުނު ރީޖަންގެ ޒޯންގެ 1: ތ. ލ. އަދި ގއ.
ދެކުނު ރީޖަންގެ ޒޯންގެ 2: ގދ.، ފުވައްމަލަށް އަދި އައްޑޫ
މި މުބާރާތަކީ ރާއްޖޭގެ އަތޮޅުތަކުގެ ފުޓްބޯޅަ ކުރިއެރުވުމަށާއި، ރަށްރަށުގެ ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަށް އެފްއޭއެމްއިން ކުރިއަށްގެންދާ މުހިންމު މުބާރާތެކެވެ.
މި މެޗު ''ޔެސް'' ޓީވީން ލައިވް ކުރާނެއެވެ.
މެޗު ލައިވް: އަތޮޅު ޗެމްޕިއަންޝިޕްގައި ޓީމް ކުޅުދުއްފުއްޓާއި ނެއްލައިދޫ ބައްދަލުކުރާ މެޗު
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!