ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް ހުއްދަ ކޮށް، އެ މަސްވެރިކަން ރާވައި ހިންގާނެ އުސޫލުތައް ކަނޑައަޅާ ޤަވާއިދު، ފިޝަރީޒް މިނިސްޓްރީން އިއްޔެ އާންމުކޮށްފިއެވެ.

މި ޤަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަމާއި، އެ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން މިނިސްޓްރީގެ ލައިސަންސް ނެގުން ވަނީ މަޖުބޫރުކޮށްފައެވެ.

Ad
rt

މިނިސްޓްރީން އާންމުކުރި ޤަވާއިދު"ކަށިމިޔަރުގެ މަސްވެރިކަން ރާވައި ހިންގައި ބެލެހެއްޓުމާއި، ބެހޭ ޤަވާއިދު" އަކީ، ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ރާއްޖޭގެ ޕްލޭން ތަންފީޒުކުރުމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ރާވައި ހިންގައި ބެލެހެއްޓުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދެކެވެ.

ލައިސަންސް ނެގުން މަޖުބޫރު

އާންމުކޮށްފައިވާ އުސޫލުގައިވާގޮތުން، ކަށިމިޔަރުގެ މަސްވެރިކަންކުރާ އުޅަނދުފަހަރާއި، މަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތަކާއި ތަންތަނާއި، ކަށިމިޔަރު ސަޕްލައިކުރުމުގައި ހަރަކާތްތެރިވާ އެންމެހައި ފަރާތްތައް ހިމެނޭ ގޮތަށް، މި މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް މިނިސްޓްރީން ދޫކުރާ ލައިސަންސްއެއްގެ ދަށުން މަސައްކަތް ކުރަންޖެހެއެވެ. މި ޤަވާއިދުގެ ދަށުން ކަށިމިޔަރުގެ މަސްވެރިކަން ކުރުމުގެ ލައިސަންސްގެ މުއްދަތު ކަނޑައަޅާފައިވަނީ ކޮންމެ އަހަރެއްގެ ނޮވެންބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ.

މަސްވެރިކަން ކުރެވޭނެ ސަރަހައްދާއި މުއްދަތު

ކަށިމިޔަރުގެ މަސްވެރިކަމުގެ ހަރަކާތްތައް ހިންގޭނީ އަތޮޅުދުނިން ބޭރުގެ ސަރަހައްދުތަކުގައެވެ. އަދި ކަށިމިޔަރުގެ މަސްވެރިކަން ކުރެވޭނީ މީލާދީ ކޮންމެ އަހަރަކު ހަތް މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. މީގެ އިތުރުން، ކަށިމިޔަރުގެ މަސްވެރިކަން ކުރާ އުޅަނދުތަކުގައި، މިނިސްޓްރީން ކަނޑައަޅާ މިންގަނޑަށް ފެތޭ ވެސަލް ލޮކޭޓިންގ ޑިވައިސް (ވީއެލްޑީ) އެއް ހަރުކޮށް، އެ ޑިވައިސް ބަލަހައްޓަން ޖެހެއެވެ. އަދި މިފަދަ މަސްވެރިކަން ކުރާ ފަރާތްތަކަށް ކަނޑުގެ ސަރަހައްދުގައި ކުރުން މަނާ މަސްވެރިކަމުގެ ބާވަތްތައް ކުރުމަކީ މަނާކަމެއް ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭން ތަންފީޒުކުރުމާއި، މުރާޖާކުރުމަށްޓަކައި އެ ވުޒާރާއަށް ލަފާ ދިނުމަށް، ޤަވާއިދަށް ޢަމަލުކުރަން ފަށާތާ ހަ މަސް ތެރޭގައި ކަށިމިޔަރުގެ މަސްވެރިކަން މެނޭޖުކުރުމުގެ ޕްލޭނަށް ލަފާދޭ ކޮމިޓީއެއް އެކުލަވައިލަން ޖެހޭނެކަމަށް ވެސް މި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.