ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އިނިގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުން ލިވަޕޫލް ކަޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޕެލަސް އަތުން ލިވަޕޫލް ބަލިވެފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.
މިއީ މި ސީޒަންގައި ޕެލަސް އަތުން ލިވަޕޫލް ބަލިވި ތިންވަނަ ފަހަރެވެ. ސީޒަން ފަށަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ޕެލަސް އިން ޝީލްޑް އުފުލައިލީ ލިވަޕޫލް ބަލިކޮށްފައެވެ. އެއަށްފަހު ޕްރިމިއާ ލީގުގައި ވެސް ލިވަޕޫލު ވަނީ ޕެލަސްގެ އަތްދަށުވެފައެވެ.
ވަރަށް ބޮޑަށް ފޯމު ކަޓާފައި އޮތް ލިވަޕޫލުން އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފައެވެ.
ރޭ މެޗުގައި ލިވަޕޫލުގެ ފުރަތަމަ އެގާރައިން ވަނީ ގިނަ ޒުވާން ކުޅުންތެރިންތަކަކަށް ފުރުސަތު ދީފައެވެ. ވަރަށް އާދައިގެ ގޮތަކަށް ފެނުނު ލިވަޕޫލުގެ ޑިފެންސް ފޫއަޅުވާލައި ޕެލަސް އަށް ލަނޑުތައް ޖަހައިދިނީ ޔެރެމީ ޕީނޯއާއި އިސްމާއިލާ ސާއެވެ. ސާ ވަނީ މެޗުގައި ދެ ލަނޑު ޖަހާފައެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައި ލިވަޕޫލުން ލީގުގައި ނުކުންނާނީ އެސްޓަންވިލާއާއި ދެކޮޅަށެވެ. އެއަށްފަހު ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ނުކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗް އާން ސްލޮޓް ބުނީ މެޗަކުން ބަލިވުމަކީ އަބަދުވެސް އުނދަގޫވާނެ ކަމެއް ކަމަށާއި ހާއްސަކޮށް ފުޓްބޯޅަ މުބާރާތަކުން ކަޓައިގެން ދިއުމަށް މަގުފަހިވާ މެޗަކުން ބަލިވުމުން އުނދަގޫތަކާއި ކުރިމަތިވާ ކަމަށެވެ.
އޭނާ އިތުރަށް ބުނީ ދަށް ނަތީޖަތަކެއް ކުރިމަތިވާނަމަ ލިވަޕޫލަށް ކުޅޭ ކުޅުންތެރިންނާއި ކޯޗުކަން ކުރަން ހުންނަ މީހަކަށް ޕްރެޝަރު އޮންނާނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!