އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ ވަޤުފް މަޝްރޫޢު ކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްޤަމް މަޝްރޫޢުއަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިންގ ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާގަ މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެގައި ބީއެމްއެލްއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ދެމެދު މިއަދު ސޮއިކުރިއިރު، މި ދެ ބޮޑެތި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިނޭންސިންގ އިސްލާމީ އުސޫލުތަކުގެ ދަށުން ބީއެމްއެލް އިސްލާމިކްއިން ފޯރުކޮށްދޭނެއެވެ.

Ad
rt

މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މިއަދު މި ސޮއިކުރެވުނު ފަހުމުނާމާއަކީ ކުރިމަގަށް ހުޅުވިގެންދިޔަ ވަރަށް މުހިއްމު ޞަފްޙާއެއް ކަމަށެވެ. އަދި ރާއްޖޭގައި ކުރިއަށްދާ އެންމެ ބޮޑު ވަޤުފްގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބީއެމްއެލް އިން އެހީތެރިކަން ދެއްވުމަކީ ވަރަށް ފާހަގަކޮށްލެވޭ ކަމެއްކަން ފާހަގަކުރައްވައި، މިއީ މަޝްރޫޢު ކުރިއަށް ގެންދިއުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ، މި އެއްބަސްވުމާއެކު ވަޤުފް މަޝްރޫޢުތަކަށް އިސްލާމީ އުސޫލުގެ ދަށުން ފައިނޭންސިން ހަމަޖެހި، މަސައްކަތް ކުރިއަށް ގެންދިއުމުގައި ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި އުއްމީދަކީ އަދި އަމާޒަކީ ކުރިއަށް އޮތް ދެއަހަރެއްހާ ދުވަހުގެ ތެރޭގައި މި ވަޤުފް މަޝްރޫޢުތައް ނިމި، އެކަމުގެ ނަފާ މުޅި ރާއްޖެއަށް ލިބިގެން ދިއުންކަމަށެވެ. މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ބޭންކް އޮފް މޯލްޑިވްސްއިން ވުޒާރާއާއި މެދު ބަހައްޓަވާ ގާތްކަމާއި، ވުޒާރާގެ ކަންކަމުގައި ދެއްވާ އެއްބާރުލެއްވުމާއި އެހީތެރިިކަމަށް ޝުކުރު އަދާކުރެއްވިއެވެ.