ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ، ހއ. ތަކަންދޫ އެކުވެރިންގެ ރޫޙާއި ބައްދަލުކުރައްވައި، އެ ރަށުގައި ދަނޑުވެރިކަން ކުރިއެރުވުމަށް އެ ޖަމިއްޔާއިން ކުރާ މަސައްކަތަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
މި ބައްދަލުވުމާއި ގުޅިގެން ވަޒީރު މީސްމީޑިއާގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، ތަކަންދޫ އެކުވެރިންގެ ރޫޙު ޖަމިއްޔާގެ ޒުވާނުން އެ ރަށުގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ރާވައިފައިވާ މަސައްކަތްތަކުގެ ތަފްސީލު ވަޒީރާ ހިއްސާކޮށްފައިވާކަމަށެވެ.
މިގޮތުން ތަކަންދޫގެ ޒުވާނުން ވަނީ، ރަށު ފެންވަރުގައި ދަނޑުވެރިކަން ކުރިއަރުވައި، މިކަމުގައި ވުޒާރާގެ އެއްބާރުލުމާއި، ފަންނީ އެހީތެރިކަމާއި، ތަމްރީނުގެ ފުރުސަތުތައް ބޭނުންވާކަމަށް އެދިފައެވެ.
ވަޒީރު މަރިޔަމް މާރިޔާ ވަނީ ތަކަންދޫ ޒުވާނުންގެ މި ހިތްވަރުގަދަ މަސައްކަތަށް ތައުރީފުކުރައްވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާތަަކުން ކުރާ މަޝްރޫޢުތަކަށް ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
"ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމަށް އަމާޒުކޮށްގެން ރައްޔިތުން އިސްނަގައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކަށް އެހީތެރިވެދިނުމަށް ވުޒާރާއިން އެއްބާރުލުންދީ ޝައުޤުވެރިކަން ހުރިކަން ކަށަވަރުކޮށްދިނިން" ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެފައިވެއެވެ.
މި ބައްދަލުވުމުގެ ސަބަބުން ތަކަންދޫގައި ދަނޑުވެރިކަން ތަރައްގީކުރުމަށް އެ ޖަމިއްޔާއިން ފަށާ މަޝްރޫޢުތަކަށް އިތުރު ބާރެއް ލިބި، ރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ކުރާ މަސައްކަތަށް ހިތްވަރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ތަކަންދޫ އެކުވެރިންގެ ރޫހުން ވަނީ ވަޒީރު މަރިޔަމް މާރިޔާގެ މި ބައްދަލުވުމަށް ދެއްވި އެއްބާރުލުން ފާހަގަކޮށް، ކުރިއަށް އޮތްތާ ވުޒާރާއާއެކު ގުޅިގެން މަސައްކަތްކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!