މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުން ފެށިގެން ބޮޑު ބަޔަކަށް މިއަދު ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.
އިއްޔެވެސް އުތުރުގެ އަތޮޅުތަކަށް ނެރުނު ރީނދޫ ސަމާލު ދެވަނަ ފަހަރަށް ދަންމާލާފައެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން މިއަދު ފުރަތަމަ ނެރުނު ސަމާލުގެ މެސެޖްގެ ވަގުތު ދިނީ މެންދުރު 13:30 އާއި ހަމައަށެވެ.
ނަމަވެސް މިހާރު ވަނީ ސަމާލުގެ ވަގުތު ހަވީރު 17:30 އާއި ހަމައަށް އިތުރުކޮށްފައެވެ. މިސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅު ހިމެނޭ ސަރަހައްދުތަކަށެވެ.
މި ސަމާލުގެ ވަގުތުގައި އާންމުގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރަކީ އާންމުގޮތެއްގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ކުރިއަށްއޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.
މެޓުން ވަނީ އަންނަ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް ލަފާކޮށްފައެވެ. އަދި ހުކުރު ހޮނިހިރު މި ދެ ދުވަހުވެސް ރާާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް މެޓުން ކުރިން ވެސް އޮތީ ލަފާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!