ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކުގެ ޓީމުތަކުގައި ބޭއްވި "މިލައުތުރު ފުޓްސަލް މުބާރާތް" ގެ "ކިންގް އޮފް ދަ ޓޯނަމެންޓް" މިލަންދޫ ޓީމުގެ ކުޅުންތެރިޔާ އަޙުމަދު ޝަނީ އަށް ލިބިއްޖެއެވެ.

ރޭ ކަނޑިތީމުގައި މި މުބާރާތުގެ ފައިނަލް މެޗު ކުޅިފައިވާއިރު، މިލަންދޫ ޓީމާއި ކަނޑިތީމު ޓީމު ވާދަކޮށް، 6-2 ގެ ނަތީޖާއަކުން ކަނޑިތީމު ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.

Ad
d

ކުލަގަދަ ރަސްމިއްޔާތަކާއެކު މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި މުބާރާތުގައި ވަނަ ވަނަ އަށް ދިޔަ ކުޅުންތެރިންނަށާއި، ޗެމްޕިއަން ޓީމް އަދި ރަނަރ އަޕް ޓީމަށް ފައިސާގެ އިނާމާއެކު މެޑަލް އަދި ޓްރޮފީ ވަނީ ހަވާލުކޮށްފައެވެ.

ރަނަރަޕް މިލަންދޫ، ފޮޓޯ: ށ.އަތޮޅު ކައުންސިލް

މިގޮތުން މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ، ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި، ކަނޑިތީމު ކައުންސިލުގެ ރައީސް އަޙުމަދު އަޙްސަންގެ އިތުރުން ށ. އަތޮޅު ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ވާދަވެރި މުބާރާތަކަށް ފަހު، މި މުބާރާތުގައި މުޅި ޖުމްލަ 8 ލަނޑު ކާމިޔާބުކޮށް ޓޮޕް ސްކޯރަރ ގެ މަގާމާއި، މުބާރާތުގެ "ކިންގް އޮފް ދަ ޓޯނަމެންޓް" ލިބިފައިވަނީ މިލަންދޫ ޓީމުގެ ޖަރޒީ ނަންބަރު 30، އަޙުމަދު ޝަނީ އެވެ.

ބެސްޓް ކީޕަރ ސައީދު، ފޮޓޯ: އަތޮޅު ކައުންސިލް

މި މުބާރާތުގެ "ބެސްޓް ކީޕަރ" އަށް މަރޮށީ ޓީމުގެ ޖަރޒީ ނަންބަރު 81، އަބްދުالله ސައީދު ހޮވިފައިވާއިރު، މުބާރާތުގެ "މޯސްޓް ޕްރޮމިސިންގ ޕްލޭޔަރ" އަށް ހޮވިފައިވަނީ، ކޮމަންޑޫ ޓީމުގެ ޖަރޒީ ނަންބަރު 14، ރުބަން ހުސައިން ޙަބީބް އެވެ.

"މޯސްޓް ޕްރޮމިސިންގ ޕްލޭޔަރ"، ރުބަން، ފޮޓޯ: އަތޮޅު ކައުންސިލް

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން:

Ad
df
  • ކަނޑިތީމު ޓީމުގެ ޖަރޒީ ނަންބަރު 5، މުޙައްމަދު ނާފިއު
  • ކަނޑިތީމު ޓީމުގެ ޖަރޒީ ނަންބަރު 9، ރައުލް ނިޔާޒް
  • މިލަންދޫ ޓީމުގެ ޖަރޒީ ނަންބަރު 8، އިބްރާހީމް ސައީދު
  • ބިލެތްފަހީ ޓީމުގެ ޖަރޒީ ނަންބަރު 10، އިބްރާހީމް އައިމަން
  • މަރޮށީ ޓީމުގެ ޖަރޒީ ނަންބަރު 4، އަބްދުالله ނާސިފް
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން، ފޮޓޯ: އަތޮޅު ކައުންސިލް

މި މުބާރާތުގެ ޗެންޕިއަން ޓީމް ކަނޑިތީމަށް 35،000 ރުފިޔާގެ ފައިސާގެ އިނާމާއެކު ޓްރޮފީ އަދި މެޑަލް ލިބިފައިވާއިރު، ރަނަރ އަޕް ޓީމް މިލަންދޫ އަށް 15،000 ރުފިޔާ އާއި ޓްރޮފީ އަދި މެޑަލް ލިބިފައިވެއެވެ. މީގެ އިތުރުން މި މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވިފައިވަނީ ބިލެތްފަހީ ޓީމެވެ. އަދި ބެސްޓް ސަޕޯޓިންގ ޓީމަކަށް ފޭދޫ ޓީމު ހޮވިފައިވާއިރު މި މުބާރާތުގެ އެންމެ ބެސްޓް ކޯޗަކަށް ހޮވިފައިވަނީ ކަނޑިތީމު ކޯޗު، އަޙުމަދު ފައުޒާން އެވެ.