އެކަނިވެރި މައިންގެ އެލަވަންސް އަންނަ އަހަރުން ފެށިގެން 3000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

ރައީސް މިކަން އިއުލާންކުރެއްވީ ލ.ގަމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

Ad
rt

މިހާރު އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ ލިބެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށްވުރެ އިތުރުވާނަމަ، ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުން ގެންދެއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެކަނިވެރި މައިންގެ އެލަވަންސަށް 211 މިލިއަން ރުފިޔާ ހަމަޖައްސާފައިވާނެއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އެލަވަންސް ލިބެންޖެހޭ 5،878 މީހުން ރާއްޖޭގައި ތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކޮށްދެއްވުމަކީ ރައީސް މުއިއްޒުގެ އިންތިޚާބީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ބަދަލާއެކު އެކަނިވެރި މައިންނާއި ބަފައިންނަށް ލިބޭ އެހީތެރިކަން އިތުރުވެ، އެ ފަރާތްތަކުގެ ދިރިއުޅުމަށް ފަހިކަން ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ.