ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބޭއްވި "މިލައުތުރު ފުޓްސަލް މުބާރާތް" ގެ ފައިނަލް މެޗުގައި، މިލަންދޫ ބަލިކޮށް ކަނޑިތީމުން ތަށި އުފުލާލައިފިއެވެ.
ރޭ ކަނޑިތީމުގައި ކުރިއަށް ގެންދިޔަ ފައިނަލް މެޗުގައި، ކަނޑިތީމުން ތަށި އުފުލާލާފައިވަނީ 6-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
މިގޮތުން ރޭގެ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން މިލަންދޫ ލީޑުގައި އޮވެއެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މިލަންދޫ ޓީމުގެ ކުޅުންތެރިޔާ ޖަރޒީ ނަންބަރު 30، އަޙުމަދު ޝަނީ އެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ދިޔައިރު ކަނޑިތީމު ޓީމުން ވަނީ ފަހަތުން އަރައި ހާފުގެ ފުރަތަމަ 2 މިނެޓް ތެރޭގައި 2 ލަނޑު ކާމިޔާބުކޮށްފައެވެ. އެއީ ކަނޑިތީމު ޓީމުގެ ޖަރޒީ ނަންބަރު 15، އާދަމް ތައުފީޤު ގެ ލަނޑަކުންނާއި، އެ ޓީމުގެ ޖަރޒީ ނަންބަރު 9، ރައުލް ނިޔާޒުގެ ލަނޑަކުންނެވެ.
ވާދަވެރި ކުޅުމަކަށްފަހު، ކަނޑިތީމު ޓީމުގެ ކުޅުންތެރިންގެ ތެރެއިން މި މެޗުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްފައިވަނީ، އެ ޓީމުގެ ޖަރޒީ ނަންބަރު 4، އަލީ މިޒްޔާން އާއި، ނަންބަރު 96، މުޙައްމަދު އިޝާން އެވެ. އަދި މެޗުގެ އެންމެ ފަހު 5 މިނެޓުގައި މިލަންދޫ ޓީމުގެ ޖަރޒީ ނަންބަރު 17، މުޙައްމަދު ނިޒާހް އަލީ ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން ކަނޑިތީމު ޓީމުގެ ކުޅުންތެރިޔާ ރައުލް ނިޔާޒު ވަނީ އިތުރު ދެ ލަނޑު ޖަހައި، ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ފާހަގަކުރި މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް އެވެ. އަދި މި ރަސްމިއްޔާތުގައި ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި، ކަނޑިތީމު ކައުންސިލުގެ ރައީސް އަޙުމަދު އަޙްސަންގެ އިތުރުން ށ. އަތޮޅު ކައުންސިލުތަކުގެ ރައީސުންނާއި ނައިބު ރައީސުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކަނޑިތީމަކީ 2023 ވަނަ އަހަރު އޮތް މިލައުތުރު ފުޓްސަލް މުބާރާތުގެ ވެސް ޗެމްޕިއަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!