ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށް، އެ ރަށު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތައް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިލަންދޫ އަށް ޒިޔާރާތްކޮށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
އެގޮތުން މިލަންދޫ ގޮނޑުދޮށް ހިމާޔާތް ކުރުމުގެ މަޝްރޫޢު މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އިމާރަތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.
މި މަޝްރޫޢުގެ ދަށުން މިލަންދޫ ގޮނޑުދޮށް ސަރަހައްދުގައި 712 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 228 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
210 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ސަރުކާރުން އެމްޓީސީއަށް ހަވާލުކުރި މި މަޝްރޫޢަކީ 50.46 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
މީގެ އިތުރުން މިލަންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދަށުން މިލަންދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ.
އެގޮތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މި މަޝްރޫޢު އަކީ 900 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށް 134 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!