ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ނިންމައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
މިޔަގީންކަން އެ އެމަނިކުފާނު ދެއްވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫ އަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ފާހަގަކުރަށްވަމުން ރައީސް ވަނީ އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ބިންހިއްކުމުގެ މަސައްކަތް ކުރިއަށްދާނެގޮތް
ރައީސް މުޢިއްޒު ހާމަކުރެއްވިގޮތުގައި، ބިންހިއްކުމުގެ މަޝްރޫޢު ކުރިއަށްގެންދަނީ އެރޮނގުން ކުރިއަރާފައިވާ ބޭރުގެ 2 ކުންފުންޏަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުންނެވެ. މިގޮތުން 11,000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމުމުގެ ކުރިން ރާއްޖެ ގެނެވޭނެއެވެ. އަދި ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގައި 40,000 ޓަނުގެ ޑްރެޖަރެއް ރަސްމާލޭގެ މަސައްކަތަށް ގެނެވޭނެއެވެ.
ޑިސެމްބަރު މަހުގައި ގެނެވޭ 3 ވަނަ ޑްރެޖަރުން ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާގެ ތެރޭގައި ނިންމުމަށްފަހު، ށ. ކޮމަންޑޫ އެއަރޕޯޓުގެ ބިންހިއްކުމުގެ މަސައްކަތް ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވިގޮތުގައި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ށ. ކޮމަންޑޫގެ އެންމެ މުހިންމު މަޝްރޫޢެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްޤީއަށް އެހެނިހެން ދާއިރާތަކުން ވެސް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!