ށ. ނޫމަރާގައި ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް ހޯމަ ދުވަހު ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ނޫމަރާއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެރަށުގައި އަލަށް ކުރަންހުރި ނުވަތަ އިތުރަށް ބޭނުންވާ ކަންކަމަށް ވެސް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެއެވެ.

Ad
d

މިގޮތުން ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކުން ބޭނުންވެލައްވާ ކުޅިވަރުގެ ދާއިރާއިން އިތުރު މަޝްރޫޢުތައް ރަށަށް ގެންނާނެކަމަށް ވިދާޅުވެ، ރައީސް ވަނީ ޒަމާނީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ވޮލީ ކޯޓެއް ނޫމަރާގައި އެޅުމުގެ ވައުދުވެވަޑައިގެންފައެވެ. މި މަޝްރޫޢުތައް އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅާ އާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، ނޫމަރާ ރައްޔިތުންނަށް ދަތިވެފައި އޮތް މައްސަލައެއްކަމުގައިވާ ޕަވަރހައުސް ރީ-ލޮކޭޓް ކުރުމުގެ މަސައްކަތަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. މިހާރު ހަދަން ފަށާފައިވާ ޕަވަރހައުސްގެ މަސައްކަތް ނިންމާ، މި އަންނަ ރަމަޟާން މަސް ފެށުމުގެ ކުރިއަށް މިހާރު ހުރި ތަނުން އަލަށް ހަދާ ތަނަށް އެކީގައި ބަދަލުކޮށް ނިންމައިދޭނެކަމަށް ފެނަކައިގެ އެމް.ޑީ. ޔަޤީންކަން ދެއްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ނޫމަރާއަށް އޮންނަ އާރު.ޓީ.އެލް. ފެރީގެ ރޫޓު ދިގުވުމުގެ ސަބަބުން ދަތިކަން ކުރިމަތިވާ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމް.ޓީ.ސީ.ސީ.އަށް މިކަން ދަންނަވާފައިވާކަމަށާއި، މި ރަށަށް މިހާރު ނަގާ ވަގުތު ކުރުކުރެވޭނެ ގޮތެއް އޮތްތޯ ބަލައިދިނުމަށް އެދިފައިވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ad
df

ރައީސް ވަނީ މިއަދު ނޫމަރާގައި ފެއްޓެވި މަޝްރޫޢުތަކާއި، ސޮއިކުރެވުނު މަޝްރޫޢުތަކުގެ އިތުރުން އަލަށް ފަށަން އެމަނިކުފާނު ވިދާޅުވިކަންކަން ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަގީންކަން އެރަށުގެ ރައްޔިތުންނަށް ދީފައެވެ.