ށ. ނޫމަރާ އަދި ށ. ކަނޑިތީމުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އިމާރާތުގައި ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރަމުންދާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކަނޑިތީމަށާއި ނޫމަރާއަށް ކުރެއްވި ޒިޔާރާތުގައެވެ.
ނޫމަރާ ފިޓްނަސް ސެންޓަރުގައި ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ (މޭޖަރ ރިޓަޔަރޑް) މުޙައްމަދު ނަޖާހު އާއި ނޫމަރާ ކައުންސިލުގެ ރައީސް އަލީ ރަބީޢުއެވެ.
މީގެ އިތުރުން ކަނޑިތީމު ފިޓްނަސް ސެންޓަރުގައި ވެސް ބިންގާ އަޅުއްވައިދެއްވީ ވަޒީރު ޢަބްދުالله ރާފިޢު އަދި ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާހުގެ އިތުރުން ކަނޑިތީމު ކައުންސިލްގެ ރައީސް އަޙުމަދު އަހްސަން އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ މަޤުސަދުގައި، ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގެ ދަށުން، އަތޮޅުތެރޭގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި އައުޓްޑޯ ޖިމް އަދި ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ބިންގާ އަޅަމުން އަންނައިރު، މިމަޝްރޫޢުތަކުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިފަދަ ސެންޓަރުތައް ތަރައްޤީކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!