މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުކޮށްފައިވާ 4 މެންބަރުން މިއަދު ހަމަޖައްސައިފިއެވެ.

މިއީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެ ކޮމިޝަނަށް މީޑިއާތަކުން އައްޔަންކުރަންޖެހޭ މެންބަރުންނެވެ.

Ad
rt

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދު އެވެ. އަދި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފް އެވެ.

ޘަގީފަކީ އައު ގާނޫނާއެކު އުވުނު މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ވެސް އެއް ދައުރު ފުރުއްވާފައެވެ. ޘަގީފަކީ ތިލަދުން މީޑިއާ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން އެޑިރެކްޓަރެވެ. އަދި އޭނާ ވަނީ ތިލަދުން ޓައިމްސް އާއި ތިލަދުން މެގަޒިންގެ އެޑިޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، 4 މެންބަރުން އިންތިޚާބުކުރަނީ މީޑިއާތަކުންނެވެ. މިގޮތުން މަޖިލީހުން ޢައްޔަނުކުރަންޖެހޭ މެމްބަރުން ކަނޑައެޅުމުގެ މައްސަލަ މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.

މި ތިން ސްލޮޓަށް 10 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންނަކީ،

1- ފާތުމަތު ފަހުމީ، ގދ. މަޑަވެލި، ސީނަރީ (މީޑިއާ ކައުންސިލްގެ ކުރީގެ މެމްބަރު)

2- މުހައްމަދު ފަރުޝަތު، ހ. ޓޫހާޓްސް (މީޑިއާ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި ސީއެސްސީގެ ކުރީގެ މެމްބަރު)

3- ސޮފާ ޝަފީގު، ދ. މީދޫ، ބިއްލޫރިވިލާ (ބްރޯޑްކޮމްގެ ކުރީގެ ރައީސް)

4- އާމިނަތު ސަރާހަތު އިއްޒަތު، ގ. ގޮފި (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)

5- އިބްރާހިމް މުހައްމަދު، ގ. ވިންޑް (މީޑިއާ ކައުންސިލްގެ ކުރީގެ ނައިބު ރައީސް)

6- މޫސާ ރިލްވާން، މ. ހާވިލާ (ބްރޯޑްކޮމްގެ ކުރީގެ މެމްބަރު)

7- ފާރިސް ތޯހާ، ހ. ސޯސަން (އެޗްއާރުސީއެމަށް އެންމެ ފަހުން ނަން ފޮނުވައި އެކަމަކު މަޖިލީހުން ރުހުން ނުލިބުނު ބޭފުޅެއް)

8- ޝެހެނާޒް އަދުނާން، ދަފްތަރު ނަމްބަރު. ރ.ސ. 8580

9- މުހައްމަދު ޝާމިން، އއ. ތޮއްޑޫ، ފިނިވާގެ

10- ޝަފީގާ ނައީމް، ފ. ނިލަންދޫ، ބީޗް ސައިޑް

18 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފައްދަންޖެހޭ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އޮފީސް" އުފައްދަވާފައެވެ. މި ގާނޫނަށް ޢަމަލުކުރަން ފަށާފައި ވެސް ވަނީ އެދުވަހުއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" (އެމްއެމްސީ) އުވިފައިވާއިރު، އަދި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން" (ބްރޯޑްކޮމް) މި ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" ގޮތުގައި ވަނީ ހަމަޖެހިފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނަކީ އައު ކޮމިޝަނުގެ މުވައްޒަފުންގެ ގޮތުގައި ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއ،ި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވ،ާ އަމިއްލަ ނަމުގައި މުޢާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.