ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އިޙްތިޔާރީކަމެއް ނޫން ކަމަށާއި، އެއީ އިންސާނީ ހައްޤެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، އެކަމަނާގެ މީސްމީޑިއާ އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

މެޑަމް ސާޖިދާ ވިދާޅުވީ، ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައާއި، ކާރިސާތަކާއި އަދި ގެދޮރު ދޫކޮށް ދާންޖެހިފައިވާ އެންމެހާ ފަރާތްތަކާއެކު ތިބޭނެ ކަމަށެވެ. ޚާއްޞަކޮށް މިފަދަ ހާލަތްތަކުގައި އެންމެ ނާޒުކު ހާލަތުގައި ތިބޭ އަންހެނުންނާއި ކުޑަކުދިންނާއެކު ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގިނަ ފަހަރަށް، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަމަށް އެންމެ ބޮޑަށް ބޭނުންވާ ވަގުތުގައިވެސް، އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވެއެވެ. މިއަދު އަޅުގަނޑުމެން ހަނދާންކުރަންޖެހެނީ ނަފްސާނީ ދުޅަހެޔޮކަމަކީ މުއްސަނދިކަމެއް ނޫންކަމެވެ. އެއީ އިންސާނީ ޙައްޤެކެވެ." މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ، ކޮންމެ ކުއްލި ނުރައްކަލުގެ ހާލަތެއްގައިވެސް، ފަރުވާގެ ތެރޭގައި ހިތްހެޔޮކަމާއި، ފަސޭހަކުރުވުމާއި، އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުން ހިމެނެންވާނެ ކަމަށެވެ.
ބައިނަލްއަޤްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހަކީ، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، މިކަމަށް ދިމާވާ މައްސަލަތަކަށް ސަމާލުކަން ހޯދުމަށް ދުނިޔެއަށް ބޭނުންވާ ދުވަހެކެވެ.