ހދ. ވައިކަރަދޫ ސިއްހީ މަރުކަޒުގައާއި، ހއ. އަތޮޅު ހޮސްޕިޓަލުގައި "ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓް" ފެސިލިޓީއެއް ހުޅުވައިފިއެވެ.ީ
ވައިކަރަދޫ ސިއްހީ މަރުކަޒުގައި ޤާއިމްކުރި މި ފެސިލިޓީއަކީ، ވޯރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން ޔުނައިޓެޑް ނޭޝަންސް ޑެވެލެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ކެނޭޑިއަން ފަންޑްގެ ދަށުން ޤާއިމްކޮށްފައިވާ ފެސިލިޓީ އެކެވެ.
ވައިކަރަދޫގައި މި ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވާފައިވާއިރު، މި ފެސިލިޓީ ހުޅުވައިދެއްވާފައިވަނީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ، ޚަދީޖާ އަބްދުލް ސަމަދް އަބްދުالله އާއި، ޑަބްލިއު.އެޗް.އޯ ގެ ރެޕްރެސެންޓޭޓިވް މިސް ޕޭޑެން އަދި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާ ޢަލީގެ އިތުރުން ވައިކަރަދޫ ސިއްހީ މަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަބްދުالله ނިޝާން އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުالله ޒަމީރު އެވެ.
މީގެ އިތުރުން ހއ. އަތޮޅު ހޮސްޕިޓަލުގައި ޤާއިމްކުރި ފެސިލިޓީ ހުޅުވައިދެއްދީ ސްޓޭޓް މިނިސްޓަރ ޚަދީޖާ އަބްދުލް ސަމަދް އަބްދުالله އާއި ޑަބްލިއު.އެޗް.އޯ ގެ ރެޕްރެސެންޓޭޓިވް މިސް ޕޭޑެން އެވެ.
މި އިސްނެގުމުގެ ދަށުން މި ފެސިލިޓީތައް ޤާއިމްކުރުމުގެ މަޤުސަދަކީ، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުން ހަރުދަނާކޮށް ސިއްހީ ހިދުމަތުގައި ތިމާވެށި ދެމެހެއްޓެނިވިގޮތުގައި ކުރިއެރުވުމަށެވެ.
މިގޮތުން މި ފެސިލިޓީ ސަބަބުން ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ރަނގަޅުގޮތުގައި ނައްތާލުމަށް އެހީތެރިވެދީ، ގައިންގަޔަށް އަރާ ބަލިތަކުންނާއި އެހެނިހެން ޖަރާސީމުތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދީ، ޚިދުމަތް ދިނުމަށް ބޭނުންކުރެވޭ ތަކެތި އަންދާލުން ނިމުމަކަށް ގެނެސް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައްވެސް ކުޑަވެގެންދާނެކަމަށް ޤަބޫލުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!