އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުޅޭ ވޯލްޑް ކަޕްގެ ކޮލިފައިންގައި، މިސްރުން ޖިބޫޓީއާއި ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބުކޮށް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެއެވެ.
މިސްރަކީ އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް އެފްރިކާއިން ކޮލިފައިވީ ތިންވަނަ ޓީމެވެ. މީގެކުރިން ކޮލިފައިވެފައިވާ ދެޓީމަކީ މޮރޮކޯއާއި ޓިއުނީޝިއާއެވެ.
މި މެޗުގައި މިސްރުން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދނީ ސަލާހްއެވެ. މި ދެ ލަނޑާއިއެކު ވޯލްޑް ކަޕް ކޮލިފައިންގައި އެފްރިކާ ބައްރުން އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޭނާއަށް ވަނީ ލިބިފައެވެ. އޭނާ ޖެހި ލަނޑުގެ އަދަދަކީ 20 އެވެ. މީގެކުރިން މި ރެކޯޑް އޮތީ އެޓޫއާއި ޑޮރޮގްބާގެ އަތުގައެވެ. އެ ކުޅުންތެރިން ޖެހި ގޯލުގެ އަދަދަކީ 19 އެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު މިސްރު އޮތީ އެފްރިކާގެ ކޮލިފައިން ގްރޫޕް އޭގެ އެއްވަނާގައެވެ. މިސްރަށް 23 ޕޮއިންޓް ލިބިފައިވާއިރު ދެވަނާގައި އޮތް ބުރްކީނާ ފާސޯއަށް ލިބިފައިވަނީ 18 ޕޮއިންޓެވެ.
މިއީ މިސްރުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތަރުވަނަ ފަހަރެވެ. މީގެކުރިން މިސްރު ވާދަކޮށްފައިވާ ތިން ވޯލްޑް ކަޕަކީ 1934، 1990 އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!