ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ އެޓޭކަރ ލެމީން ޔަމާލްގެ އުކުޅުވަޅަށް އަނިޔާވެ ތިން ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ.

އުމުރުން 18 އަހަރުގެ ޔަމާލް އަށް އަންނަނީ ކައިރިކައިރީގައި އަނިޔާގެ މައްސަލަ ކުރިމަތިވަމުންނެވެ. ޔަމާލްގެ އުކުޅުވަޅަށް އެންމެ ފުރަތަމަ އަނިޔާވެފައި ވަނީ ސެޕްޓެމްބަރ މަހު އޮތް އިންޓަނޭޝަނަލް ބްރޭކްގައި ގައުމީ ޓީމްގައި ހުއްޓައެވެ. އެ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިން ކުޅުނު ދެ މެޗުގައި ވެސް އޭނާ ކުޅުނެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާ އެ ދެމެޗު ވެސް ކުޅެފައިވަނީ އަނިޔާގައި ހުރެއެވެ.

Ad
rt

އިންޓަނޭޝަނަލް ބްރޭކް ނިންމާލުމަށް ފަހު އެނބުރި އައިސް އޭނާއަށް ބާސާއާއިއެކު ފަރިތަކުރުންތައް ކުރިއަށް ގެންދެވޭގޮތް ނުވިއެވެ. އެކަމާއި ބާސާގެ ކޯޗް ހަންސީ ފްލިކް ވަނީ ސްޕެއިން ގައުމީ ޓީމް ކޯޗް ކަންތައްކުރި ގޮތާއިމެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ފްލިކް ބުނީ ގައުމީ ޓީމުން ޔަމާލް ލައްވައި ކުޅުވާފައި ވަނީ އޭނާ އަނިޔާގައި ހުއްޓާކަމަށެވެ.

އަނިޔާއިން ރަނގަޅުވެ ޔަމާލް އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައިވަނީ މިފަހުން ލީގުގައި ރެއާލް ސޮސިއެޑާޑްއާއި ދެކޮޅަށް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މެޗުގައި ބާސާ މޮޅުވި ލަނޑު ޖެހީ އޭނާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.

ޔަމާލް އަނެއްކާ ވެސް އަނިޔާވީ ފާއިތުވި ހަފްތާގައި ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން ބާސާ ބަލިވި މެޗުގައެވެ. މި އަނިޔާގެ ސަބަބުން ޔަމާލްއަށް މި މަހު އޮންނަ އިންޓަނޭޝަނަލް ބްރޭކްގައި ސްޕެއިން ކުޅޭ ދެ މެޗުގައި ނުކުޅެވޭނެއެވެ. އަދި ލީގުގައި މާދަމާރޭ ސެވިއްޔާއާއި ދެކޮޅަށް ކުޅޭ މެޗާއި، ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗާއި އަދި މިމަހު ފަހުކޮޅު ލީގުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވިދާނެ ކަމާއިމެދު ވެސް ވަނީ ސައްކު އުފެދިފައެވެ.