ޣާއްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ވެރިޔާ އިސްމާޢީލް އައް-ޘަވާބްތާ، ޣާއްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުފެށި 'ގްލޯބަލް ޞުމޫދު ފްލޮޓިލާ'ގެ އެކްޓިވިސްޓުންގެ މަސައްކަތަށް ބޮޑު ތަޢުރީފު ކުރައްވައިފިއެވެ.

އެ އެކްޓިވިސްޓުންގެ ހިތްވަރާއި މަސައްކަތަށް ތައުރީފް ކުރަށްވައި އައް-ޘަވާބްތާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފްލޮޓިލާގެ އިންސާނިއްޔަތުގެ މިޝަނުން "މުޅި ދުނިޔެއަށް" ވާސިލުވެފައިވާ ކަމަށެވެ. އަދި އެ މީހުންގެ މެސެޖު ދުނިޔެއަށް ފޯރާފައިވާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Ad
rt

އިސްމާޢީލް އައް-ޘަވާބްތާ ވަނީ އިސްރާއީލުގެ ބާރުތަކުން ފްލޮޓިލާ އިންޓަރސެޕްޓްކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އޭނާ ތުހުމަތުކުރެއްވީ އިސްރާއީލުން ހިންގާފައިވަނީ "ވައްކަމުގެ" ޢަމަލެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން ހިޞާރުކޮށް، ޝަހީދުކޯށް، ހަލާކުކޮށް އަދި ވަޒަން ދޫކޮށް ނުކުމެދާން މަޖުބޫރުކުރާ ފަދައިން "ޙަޤީޤަތަށް ހިޞާރުކުރަން" ވެސް އިސްރާއީލުން ދަނީ މަސައްކަތްކުރަމުންކަމަށް އޭނާ ވިދާޅުވެފަވެއެވެ.

"ތިޔައީ ބަޠަލުން، އެއްބައިވަންތަކަމުގެ އެކްޓިވިސްޓުންނަށް އަޅުގަނޑުމެންގެ މެސެޖަކީ ތިޔަބައިމީހުން ތިޔަބައިމީހުންގެ ހަށިގަނޑުން އަޅުގަނޑުމެންނާ ހަމައަށް ނާދެވުނު ކަމުގައިވިޔަސް، ތިޔަބައިމީހުންގެ އިންސާނިއްޔަތުގެ އެއްބައިވަންތަކަމާއި ތިޔަބައިމީހުންގެ މާތް އަދި ޠާހިރު ނިޔަތުގެ ސާފުކަމާއެކު، ތިޔަބައިމީހުން ދަތުރު ފެށުމުގެ ކުރިންވެސް ވަނީ އަޅުގަނޑުމެންގެ ހިތްތަކާ ހަމައަށް ވާޞިލުވެފައި، ތިޔަބައިމީހުންގެ މެސެޖު މުޅި ދުނިޔެއަށް ވާޞިލުވެއްޖެ." އައް-ޘަވާބްތާ، ފްލޮޓިލާގައި ހިމެނޭ އެކްޓިވިސްޓުންނަށް އަމާޒުކޮށް ލިޔުއްވާފައިވެއެވެ.

ޣާއްޒާ ސްޓްރިޕްއާ ދިމާލަށް ދަތުރުކުރަމުންދިޔަ ގްލޯބަލް ޞުމޫދު ފްލޮޓިލާ އިސްރާއީލުން އިންޓަރސެޕްޓްކުރުން "ޣައިރު ޤާނޫނީ" ޢަމަލެއްގެ ގޮތުގައި ދުނިޔޭގެ ލީޑަރުންނާއި ޙައްޤުތަކުގެ ޖަމާޢަތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

މި ފްލޮޓިލާގައި ހަނގުރާމައިން ވީރާނާވެފައިވާ ޣާއްޒާއަށް ރަމްޒީގޮތުން އެހީ އުފުލަމުންދިޔަ 44 އުޅަނދު ހިމެނެއެވެ. އިސްރާއީލުން ބުނެފައިވަނީ އޭގެ ތެރެއިން އެއް އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް މިހާރު ހިފަހައްޓާފައިވާ ކަމަށާއި، ގިނަ އަދަދެއްގެ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ފްލޮޓިލާ އޯގަނައިޒަރުން ބުނެފައިވަނީ އެއް އުޅަނދު ކަމަށްވާ 'މެރިނެޓް' އަދިވެސް ހިޞާރުކުރެވިފައިވާ ފަލަސްޠީނުގެ އެންކްލޭވްއާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. އެތަނުގައި ފަތިހުން ފެށިގެން އިސްރާއީލުގެ ހަމަލާތަކުގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާކަން ފާހަގަކުރެވެއެވެ.

އިސްރާއީލުން ވަނީ ޣާއްޒާއާ ދިމާލަށް ދަތުރުކުރަމުންދިޔަ މި ފްލޮޓިލާ ހުއްޓުވާނެ ކަމަށް ވަޢުދުވެފައެވެ. އެމީހުން ބުނެފައިވަނީ މި ފްލޮޓިލާއަކީ "ޤާނޫނީ" އެހީގެ މަސައްކަތެއް ނޫން ކަމަށާއި، ސީދާ ގާޒާއަށް އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި، "މަސްތުވާތަކެއްޗާއި ހަތިޔާރު" ވެސް ގެނައުމުގެ މަގު ފަހިކުރުމުގެ މަސައްކަތެއްގެ ގޮތުގައެވެ. ނަމަވެސް އެކްޓިވިސްޓުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.