ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި މޮނާކޯ ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއިން އެއްވަރުވެއްޖެއެވެ.
މޮނާކޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ސިޓީންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި ގްވާޑިއޯލް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ހާލަންޑް ލަނޑުން ސިޓީ ލީޑު ނެގިނަމަވެސް އޭގެ ތިން މިނެޓް ފަހުން މޮނާކޯއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެ ޓީމަށް ލަނޑު ޖަހައިދިނީ ޖޯޑަން ޓެޒޭއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ލިބުނީ 44 ވަނަ މިނެޓުގައި ހާލަންޑް ޖެހި ލަނޑުންނެވެ. މެޗުގެ ނަތީޖާ މޮނާކޯއިން ހަމަހަމަކުރީ، މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީން ޑަޔާ ޖަހައިދިން ލަނޑުންނެވެ.
ހާލަނޑް ރޭ ޖެހި ދެ ގޯލާއިއެކު އޭނާ ޗެމްޕިއަންސް ލީގުގައި ޖެހި ގޯލުގެ އަދަދު ވަނީ 52 އަށް އަރާފައެވެ. އެ އަދަދަށް އޭނާ ލަނޑު ޖަހާފައިވަނީ 50 މެޗުންނެވެ. ފްރާންސްގެ ކުރީގެ ފޯވާޑް ހެންރީ ފަހަތަށް ޖައްސާލުމަށް ފަހު ޗެމްޕިއަންސް ލީގުގެ ޓޮޕްސްކޯރާސް ލިސްޓްގެ ނުވަވަނައަށް ހާލަންޑް ވަނީ ޖެހިލާފައެވެ. ރެއާލަށް ކުޅެމުން އަންނަ އެމްބާޕޭ އޮތީ މި ލިސްޓްގެ ހަވަނާގައެވެ. އޭނާވަނީ މިހާތަނަށް 60 ލަނޑު ޖަހާފައެވެ. މި ލިސްޓްގެ އެއްވަނާގައި އޮތީ 141 ލަނޑު ޖަހައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ދެވަނާގައި އޮތީ 129 ގޯލުޖެހި މެސީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!