ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާއައި އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ ބައްދަލުކުރި މެޗި، ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ބާސާގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.
ރޭ ބާސާއާއި ދެކޮޅަށް ޕީއެސްޖީ ނުކުތްއިރު، އެ ޓީމްގެ އެޓޭކްގައި މުހިންމު ކުޅުންތެރިންތަކެއް ތިބީ އަނިޔާގައެވެ. އެގޮތުން މިފަހުން ބޮލެންޑޯ އެވޯޑް ހާސިލްކުރި ޑެމްބެލޭއާއި ކްވަރަސްޚޭލިއާ ހުރީ އަނިޔާގައެވެ. އަދި އެ ޓީމްގެ ތަޖުރިބާކާރު ޑިފެންޑަރ، ކެޕްޓަން މާކީނިއޯވެސް އާއި މެދުތެރެއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރ ޖޯ ނެވޭސް ވެސް ހުރީ އަނިޔާގައެވެ.
މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންއައި ބާސާގެ އެއްނަމްބަރު ކީޕަރ ގާސިއާ އާއި، އެ ޓީމްގެ އެޓޭކްގައި މުހިންމު ކުޅުންތެރިޔެއް ކަމަށްވާ ރަފީނިއާ އަށް ވެސް އަނިޔާގެ ސަބަބުން ރޭ މެޗުގައި ކުޅެވިފައިނުވެއެވެ.
މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައިވަނީ ބާސާއިންނެވެ. މި ލަނޑު މެޗުގެ 19 ވަނަ މިނިޓްގައި، މާކަސް ރެޝްފޯޑް ދިން ބޯޅައަކުން ޖަހައިދިނީ ފެރާން ޓޯރޭސްއެވެ. އެކަމަކު، ބާސެލޯނާ އަށް ފުރަތަމަ ހާފު ވެސް ލީޑުގައި އޮވެ، ނިންމައިނުލެވުނެވެ. މެޗުގެ 38 ވަނަ މިނިޓްގައި، ޕީއެސްޖީގެ ސެނީ މަޔޫލޫ ވަނީ ލަނޑުޖަހައި، އެއްވަރުކޮށްފައެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ނޫނޯ މެންޑޭޒް ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ޕީއެސްޖީ މޮޅުކޮށްދިން ލަނޑު ޖެހީ 90 ވަނަ މިނިޓްގައި ގޮންޒާލޯ ރާމޯސް އެވެ. އޭނާ މި ލަނޑު ޖެހީ އަޝްރަފް ހަކިމީ ދިން ބޯޅައަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!