މިދިޔަ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސލަ ފޮނުވައިފިކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުޙައްމަދު ނައުސާން (37އ) ގެ މައްޗަށެވެ.
ފުލުހުން މައުލޫމާތުދިންގޮތުގައި، މި މައްސަލައާއި ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށެވެ.
ކައްދޫ އެކްސިޑެންޓް: ސައިކަލު ދުއްވަން އިން މީހާ 15 ދުވަހަށް ބަންދުކޮށްފި
މިގޮތުން، މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށްއެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އަދި މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ ސެޕްޓެންބަރު 28 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ނައުސާން އަކީ އެއްގަމު އުޅަނދު ދުއްވުމަށް ލައިސަންސް އޮންނަ މީހެއް ނޫނެވެ. އަދި މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތިން ޖޫރިމަނާކޮށްފައިވާކަމުގެ ރިކޯޑު އޮންނަ މީހެކެވެ.
ކަފިހިހުރަސް މަތިން ހުރަސްކުރަނިކޮށް މި އެކްސިޑެންޓުގައި އަނިޔާވެ، ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!