އުމުރުން 64 އަހަރުގެ އަންހެނަކު ނިޔާ އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާ ހައްޔަރުކޮށްފިއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުކުރު ދުވަހުގެ ރޭ ލ. ފޮނަދޫ، ގަމަށް ދަތުރުކުރަމުންދިޔަ ސައިކަލެއް، ލ. ކައްދޫ އެއާޕޯޓަށް ދާ މަގުން ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މަގު ހުރަސްކުރީ އުމުރުން 64 އަހަރުގެ އަންހެނަކާއި އޭނާގެ މާމަ ދަރިފުޅެވެ.

Ad
rt

އެކްސިޑެންޓުގައި ޒެބުރާ ކްރޮސްކޮށް މަގު ހުރަސްކުރި ދެ އަންހެނުންނަށާއި، ސައިކަލުގައި ތިބި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެފައެވެ. އަނިޔާވި ހަތަރު މީހުން ވެސް ވަގުތުން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. ނަމަވެސް، މި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 64 އަހަރުގެ އަންހެން މީހާ، ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ.

މައުލޫމާތު ލިބިފައިވާ މި މައްސަލައިގެ ތަހުގީގަށް ފުލުހުން ހައްޔަރުކުރީ އުމުރުން 37 އަހަރުގެ، ލ. ފޮނަދޫ، ހޯރަވިލާ / މުހައްމަދު ނައުސާނެވެ.

ނައުސާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.