ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާ ވޮލަންޓިއަރުންގެ ލިސްޓަކަށް ހުޅުވާލައްވާނެކަމަށް ކޮލަމްބިއާގެ ރައީސް ގުސްޓަވޯ ޕެޓްރޯ އިއުލާނުކުރައްވައިފިއެވެ.

މިކަން ޢިއުލާންކުރަށްވަމުން އޭނާ ވަނީ މި ހަނގުރާމައިގައި ބޭނުންވެއްޖެ ހިނދެއްގައި އަމިއްލަފުޅަށްވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވިދާޅުވެފައިވެއެވެ.

Ad
rt

އޭނާ ވިދާޅުވީ، ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ކުރެވޭ ހަނގުރާމައިގައި ބައިވެރިވާން ބޭނުންވާ ކޮލަމްބިއާގެ ފިރިހެނުންނާއި އަންހެނުންނަށް ވެސް ފުރުސަތުއޮތްކަމަށެވެ. އަދި އޭނާ އެކަމަށް ބިރުނުގަންނަކަމަށް ވެސް ވިދާޅުވެފަވެއެވެ.

މި އިއުލާނާ ގުޅިގެން އެމެރިކާއިން ވަނީ ރައީސް ޕެޓްރޯގެ ބައިނަލްއަގްވާމީ ގާނޫނާއި ޚިލާފްވެއްޖެކަމަށްބުނެ ވިސާ ބާތިލުކޮށްފައެވެ. މިކަމާ ގުޅިގެން ރައީސް ޕެޓްރޯ ވެސް ވަނީ އެމެރިކާއިން ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފުވެފައިވާކަމަށް ތުހުމަތުކުރައްވާފައެވެ. އަދި އެމެރިކާގެ ވިސާއެއް ބޭނުމެއް ނުވާކަމަށާއި، އެކަމަށް އެއްވެސް ފަރުވާލެއްނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އޭނާއަކީ ކޮލަމްބިއާގެ ރައްޔިތެއްގެ އިތުރުން ޔޫރަޕިއަން ރައްޔިތެއްވެސް ކަމަށްވާތީކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ޕެޓްރޯގެ މި ޢިއުލާންކުރަށްވާފައި ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ އަމަލުތަކާ ދެކޮޅަށް އޭނާ ފާޅުކުރައްވަމުން ގެންދަވާ ޚިޔާލުތަކުގެ ތެރެއިންނެވެ. އެގޮތުން އޭނާ ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަމަލުތަކާމެދު ގިނަ ފާޑުކިޔުންތަކެއް ރައްދުކުރައްވާފައެވެ.

އދ. އިން ހިންގި ތަޙްޤީޤަކުން ދައްކާގޮތުގައި ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެކެވެ. ނަމަވެސް އިސްރާއީލުން މިކަމަށް ދަނީ ދެކޮޅު ހަދަމުންނެވެ.