ސަޢޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ގެދޮރު ކުއްޔަށް ދިނުމުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާންމުން ދިރިއުޅޭ ގެތަކުގެ އަދި ވިޔަފާރި އިމާރާތްތަކުގެ ކުލި އިތުރުނުކުރެވޭހެން 5 އަހަރު ދުވަހުގެ މުއްދަތަށް ކޮންޓްރޯލް ކޮށްފިއެވެ.
މިއީ ގޭގެ ކުލީގެ އަގުތައް އެއްހަމައެއްގައި ހިފަހައްޓައި، ގޯތިގެދޮރުގެ ވެރިންނާއި (ލޭންޑްލޯޑްސް) ކުއްޔަށް ހިފާ ފަރާތްތަކުގެ މެދުގައި އިންސާފުވެރިކަން ޤާއިމުކުރުމަށް އަޅާފައިވާ ފިޔަވަޅެކެވެ. ބިންވެރިންނާއި ކުއްޔަށް އުޅޭ މީހުންގެ މެދުގައި ތަފާތުކުރުންނައްތާލާ އަޅުވެތިކަން ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.
ކްރައުން ޕްރިންސް އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ އިރުޝާދުގެ ދަށުން މިނިސްޓަރުންގެ މަޖިލީހުން ފާސްކޮށް، މަލިކީ ޤަރާރަކުން ތަންފީޒުކުރަން ފަށާފައިވާ މި ގަވާއިދުތަކަކީ ވެރިރަށުގައި ކުލީގެ އަގުތައް އެއްފަހަރާ މައްޗަށް ދިއުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
މިމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށުނު މި އައު ގަވާއިދުތަކުގެ ދަށުން، ރިޔާދުގެ އާބާދީ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެއްވެސް ޕްރޮޕަޓީއެއްގެ ކުލި، އެއީ މިހާރު ހެދިފައިވާ އެއްބަސްވުމެއްގައި ވިޔަސް ނުވަތަ އައު އެއްބަސްވުމެއްގައި ވިޔަސް، 5 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރުން މަނާކުރެއެވެ. މި އޮނިގަނޑު އެހެން ސިޓީތަކާއި ސަރަހައްދުތަކަށްވެސް ފުޅާކުރެވިގެން ދާނެއެވެ.
މީގެއިތުރުން، "އީޖާރު" ޕްލެޓްފޯމް މެދުވެރިކޮށް ހުރިހާ ކުލީގެ އެއްބަސްވުންތައް ރަޖިސްޓަރީ ކުރަންޖެހޭނެއެވެ. އަދި އިއުތިރާޒުކުރުމަށް 60 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. މި މުއްދަތުގައި އިއުތިރާޒެއް ނުކުރެވޭނަމަ، އެއްބަސްވުމުގެ މަޢުލޫމާތު ޞައްޙަކަމުގައި ބެލެވޭނެއެވެ.
މި ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކަށް 12 މަހުގެ ކުއްޔާ އެއްވަރުގެ ޖޫރިމަނާއެއް ކުރެވޭނެއެވެ. އަދި މިފަދަ މައްސަލަތައް ރިޕޯޓުކުރާ ފަރާތްތަކަށް ޖޫރިމަނާގެ 20 ޕަސެންޓަށްވުރެ ބޮޑުނޫން އަދަދެއް އިނާމުގެ ގޮތުގައި ލިބޭނެއެވެ. ރިއަލް އެސްޓޭޓް ޖެނެރަލް އޮތޯރިޓީން މި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!