ސްޕެނިޝް ލަލީގާއި ރޭ ރެއާލް އޮވިއޭޑޯ ބަލިކޮށް ބާސެލޯނާއިން، ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

އޮވިއޭޑޯގެ ދަނޑުގައި ކުޅުނު މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ، އޮވިއޭޑޯއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު (3-1) ޖަހައިގެންނެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ރެއާލް އޮތީ ކުޅުނު 6 މެޗު ވެސް ކާމިޔާބުކޮށް 18 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނާގައި ބާސާ އޮތީ 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގައި މިހާތަނަށް ބާސާ ވެސް އަދި ބަލިވެފައިނުވެއެވެ. ނަމަވެސް އެ ޓީމް ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑުޖެހީ އޮވިއޭޑޯއިންނެވެ. ބާސާގެ ކީޕަރ ޖޯން ގާސިއާ ހެދި ގޯހެއްގެ ފައިދާނަގައި މި ލަނޑު އޮވިއޭޑޯއަށް ޖަހައިދިނީ ރެއިނާއެވެ. އޮވިއޭޑޯއިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެއެވެ.

ދެވަނަ ހާފުގައި ބާސާއިން ނަތީޖާ އަނބުރާލިއިރު، އެ ޓީމަށް ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ޖަހައިދނި އެރިކް ގާސިއާއެވެ. ދެވަނަ ލަނޑު 70 ވަނަ މިނެޓުގައި ޑި ޖޮން ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. މެޗުގެ ތިންވަނަ ލަނޑު 88 ވަނަ މިނެޓުގައި އަރައުހޯ ޖަހައިދިނީ ކޯނަރަކުން ތަނަވަސްވީ ފުރުސަތެއްގައެވެ.

މިއީ މިދިޔަ ސީޒަންގައި ބާސާގެ ކޯޗްކަމާއި ހަވާލުވި ފްލިކްގެ އިރުޝާދުގެ ދަށުން ބާސާ ކުޅުނު 67 ވަނަ މެޗެވެ. އޭގެތެރެއިން 50 މެޗުން ބާސާ ވަނީ މޮޅުވެފައެވެ.