ދިވެހި ރެޑްކްރެސެންޓް ކުޅުދުއްފުށި ސިޓީ ޔުނިޓުން، ސިޓީ ކައުންސިލުން މިހާރު ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ގަސް ހަދިޔާކޮށްފިއެވެ.
ރެޑް ކްރެސެންޓުން މި ގަސްތައް މުޑުވަށްކޮށްފައިވަނީ، "ފިނިފެހި ސިޓީ" މި މަޝްރޫޢުގެ ދަށުން ރެޑްކްރެސެންޓް އާއި ސިޓީ ކައުންސިލުން ގުޅިގެން ކުޅުދުއްފުށީ ނޮދަން އޮފީސް ކޮމްޕްލެކްސްގެ ގޯތިތެރޭގައި ޤާއިމްކޮށްފައިވާ 'މަލަފެހި' ނާސަރީގައެވެ.
މިގޮތުން ކުޅުދުއްފުށީގައި މިހާރު ތަރައްޤީކުރަމުންދާ ކޮމިއުނިޓީ ޕާކަށް ރެޑްކްރެސެންޓުން ހަދިޔާކޮށްފައިވަނީ، 12 ސައިމާ ގަހާއި، 6 ކިނބި ގަހެވެ.
ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފައިވަނީ، މި އިސްނެގުމަކީ ކައުންސިލްގެ 'ފިނިފެހި ސިޓީ' ޕްރޮޖެކްޓާއި، ސިޓީގެ ތަރައްޤީގެ ޕްލޭންގެ ދަށުން އަހަރަކު 2000 ގަސް އިންދުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރަކަށް ވެގެންދާނެކަމެއް ކަމަށެވެ.
މީގެ އިތުރުން، ދިވެހި ރެޑްކްރެސެންޓަށާއި، ކުޅުދުއްފުށި ސިޓީގެ ޔުނިޓްގެ ހީވާގި ދަރުމަވެރިން ވެދިން އެހީއަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސިޓީ ކައުންސިލްގެ މި ނާސަރީގެ މައިގަނޑު މަޤުސަދަކީ ރަށުގެ ތިމާވެށިގެ ހާލަތު ރަނގަޅުކޮށް، ގްރިންޒޯނާއި އާންމު ތަންތަނަށް ބޭނުންވާހެން އެކި އެކި ގަސް އުފައްދައި، ރަށް ޒީނަތްތެރިކުރުމާއި ރަށުން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، އަމިއްލަ ވެށީގެ ގަސްގަހާގެއްސާއި ރަށުގެ ކުޅި ހިމެނޭ ގޮތަށް އެކި ބާވަތް ތަކުގެ ގަސް އިންދުމުގެ އިތުރުން ފިނި އަދި ފެހި ސިޓީ އަކަށް ކުޅުދުއްފުށި ސިޓީ ހެދުމެވެ.
އެގޮތުން މި މަސައްކަތް އިތުރަށް ފުރިހަމަ ކުރުމަށް ސިޓީ ކައުންސިލުން ދަނީ، ކައުންސިލްގެ ގަސް އިންދާ ހެއްދުމުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބަގީޗާ ބަލަހައްޓާނެ ގޮތާއި، ގަހުގެ ނަރސަރީއެއް ހިންގައި ބަލައްހައްޓާނެ ގޮތުގެ އިތުރުން ގަސްތަކަށް ޖެހޭ ބައްޔާއިގަސް ހެއްދުމުގައި ސަމާލުކަންދޭންޖެހޭން ކަންކަމާއި ގުޅޭ ތަމްރީނު ޕްރޮގްރާމުތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!