އިނގިރޭސި ލީގު ކަޕް (ކަރަބޯ ކަޕް) ގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް، މުބާރާތުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ސިޓީއާއި އާސެނަލް ޖާގަ ހޯދައިފިއެވެ. ރޭ ރަށުން ބޭރުގައި ހަޑާރސްފީލްޑް ޓައުންގެ މައްޗަށް ސިޓީން ކުރި ހޯދާފައިވަނީ 2-0 ގެ ނަތީޖާއިންނެވެ.

މި މެޗުގައި ސިޓީގެ ފަރާތުން ރަގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ފުރަތަމަ ލަނޑުޖަހާފައި ވަނީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ފިލް ފޮޑެންއެވެ. ސިޓީގެ ދެވަނަ ލަނޑު 74 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ އެޓޭކަރ ސަވީނިއޯއެވެ.

Ad
rt

މުބާރާތުގެ ހަތަރުވަނަ ބުރުގައި ސިޓީ ވާދަކުރަން ޖެހޭނީ ސްވަންސީ ސިޓީއާއެވެ.

ރޭ އާސެނަލުން ވަނީ ރަށުން ބޭރުގައި ތިން ވަނަ ޑިވިޝަނުގެ ޕޯޓް ވޭލް އަތުން 2-0 އިން މޮޅުވެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު 8 ވަނަ މިނެޓުގައި އާސެނަލަށް ޖަހައިދިނީ އެޒޭއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ލެވިސް ސްކެލީ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އާސެނަލްގެ ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދީފައި ވަނީ ޓްރޮސާޑްއެވެ.

މުބާރާތުގެ ހަތަރުވަނަ ބުރުގައި އާސެނަލް ވާދަކުރަން ޖެހޭނީ ބްރައިޓަންއާއެވެ.