ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ، ބުރާސްފަތި ދުވަހު ގޮވާލައްވައިފިއެވެ.

އދ.ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ލަންކާގެ ރައީސް ވަނީ، ހަނގުރާމައިގެ ބޭކާރުކަމާއި، އޭގެ ހިތިކަން އެމަނިކުފާނުގެ ޤައުމަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވިދާޅުވެފައެވެ.

Ad
rt

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައިވަނީ، ކުރިއަށް އޮތް ޖީލުތަކަށްޓަކައި ރައްކާތެރި ދުނިޔެއެއް ބިނާކުރުމަށްޓަކައި ހިތްވަރާއެކު މަސައްކަތް ކުރުމަށެވެ.

މިގޮތުން، ދުނިޔޭގެ ގައުމުތައް އެއްބައިވަންތަކަމާއެކު، އަތާ އަތް ގުޅާލައިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އދ.ގެ މައި އޮފީހުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު ވާހަކަފުޅުދައްކަވަމުން، ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ވަނީ ޣައްޒާގައި ހިނގަމުންދާ އިންސާނީ ކާރިސާއާ މެދު ސީރިއަސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވަނީ ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި، އިންސާނީ އެހީތެރިކަން ހުރަސްތަކެއް ނެތި ފޯރުކޮށްދިނުމަށާއި، އދ. އާއި އެހެނިހެން ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ހުރިހާ ފަރާތްތަކުން ވެސް ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ. އަދި، މިހާރުވެސް ހިނގަމުންދާ ގަތުލުއާންމު ހުއްޓުވުމަށް ބައިނަލްއަޤުވާމީ ގަދަފަދަ ބާރެއް ބޭނުންކުރަން ޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް އަސަރުކުރާ މަސްތުވާތަކެތީގެ މައްސަލައަކީ ގިނަ ދިމާތަކުން ގޮންޖެހުންތަކެއް ހުރި މައްސަލައެއްކަން ފާހަގަކުރައްވަމުން، މިކަމާ ދެކޮޅަށް ސްރީލަންކާއިން އަޅާފައިވާ ފިޔަވަޅުތަކުގެ މުހިންމުކަން ރައީސް އަނޫރާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ދުނިޔޭގެ ލީޑަރުންނަށް ގޮވާލައްވާފައިވަނީ، ދުނިޔޭގެ ސިއްހަތާއި، ޑިމޮކްރަސީއާއި، ސިޔާސަތާއި، މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކާވާ މަސްތުވާތަކެތީގެ ނުރައްކާ ނައްތާލުމަށް އަމާޒުކޮށްފައިވާ ދުނިޔޭގެ މަސައްކަތް ކުރިއެރުވުމަށް އެއްބާރުލުން ދިނުމަށެވެ. މަސްތުވާތަކެތި ޓްރެފިކްކުރާ ފަރާތްތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުތައް ވަރުގަދަ ކުރުމާއި، އެފަރާތްތަކަށް ބޯޑަރުތައް ހުރަސްކޮށް ދަތުރުކުރުމުގެ ފުރުސަތު ހަނިކުރުމާއި، މަސްތުވާތަކެތީގެ ދޮންކަށިފައްސާ މީހުންނަށް އިތުރު ރިހެބިލިޓޭޝަން މަރުކަޒުތައް ޤާއިމުކުރުމަށް އެމަނިކުފާނު ހުށަހެޅުއްވިއެވެ.

ކޮރަޕްޝަނާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ދިސަނާޔަކަ ވިދާޅުވީ، ކޮރަޕްޝަނަކީ ތަރައްޤީއާއި، ޑިމޮކްރަސީއާއި، މުޖުތަމައުގެ ހަމަޖެހުން ނަގާލައި، ހަލާކުކޮށްލާ ބާރެއް ކަމަށެވެ. ސްރީލަންކާއިން މިހާރުވެސް ކުރިއަށް އޮތް ޖީލުތަކަށްޓަކައި މި ދަތި ނަމަވެސް މުހިންމު މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން، ހުރިހާ ގައުމުތަކަކުން ވެސް އެގައުމުތަކުގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ކޮރަޕްޝަނާ ދެކޮޅު ސަޤާފަތެއް ފައްތައި، މިކަން އާދައަކަށް ހަދަން އެމަނިކުފާނު ގޮވާލެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަވަމުން ރައީސް އަނޫރާ ވިދާޅުވީ، "އުފާވެރި ޤައުމެއް – ހިތްފަސޭހަ ދިރިއުޅުމެއް" މި ނަމުގައިވާ ދުރުމުސްތަޤުބަލުގެ ތަޞައްވުރެއްގެ ވަށައިގެން، އަނދިރީގެ ބަދަލުގައި އުޖާލާ މަގެއް އިޚްތިޔާރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތުން އެއްބައިވަންތަކަމާއެކު އެއްގަލަކަށް އަރާފައިވާ ކަމަށެވެ.