ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ލެވަންޓޭ ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ރެއާލުން ކާމިޔާބު ކޮށްފިއެވެ. ރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއިންނެވެ.
މި ސީޒަންގައި ރެއާލްގެ ކޯޗުކަމާއި ހަވާލުވީ އަލޮންސޯގެ އިރުޝާދުގެ ދަށުން އެ ޓީމް މިހާތަނަށް ލީގުގައި ކުޅުނު ހަ މެޗުންނާއި ޗެމްޕިއަންސް ލީގު މެޗުން ވަނީ މޮޅުވެފައެވެ. މީގެކުރިން މިވަރުގެ ނަތީޖާއެއް ރެއާލުގައި ނެރެވިފައިވަނީ 2005 ވަނަ އަހަރު އެ ޓީމުގައި ހުރި ވަންޑަލެއި ލަގްޒެމްބާގޯއެވެ.
މި ސީޒަންގައި ރެއާލުން ކުޅެމުން އަންނަ މޮޅުކުޅުން ރޭ މެޗުގައި ވެސް އެ ޓީމްގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖަހައިދިނީ ވިނީސިއަސްއެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ދެ ޑިފެންޑަރުންގެ ދޭތެރެއިން ފައިގެ ބޭރުފުށުން ޖަހައި ފޮނުވާލި ބޯޅަ ގޮސް ވަނީ ގޯލުގެ ދުރު ކަނަށެވެ. ދެވަނަ ލަނޑު ވިނީ ތަނަވަސް ކޮށްދިން ފުރުސަތެއްގައި 38 ވަނަ މިނެޓުގައި ޖަހައިދިނީ އުމުރުން އެންމެ 18 އަހަރުގެ އާޖެންޓީނާގެ ޒުވާން މިޑްފީލްޑަރ މަސްޓަންޓޫނޯއެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ލެވަންޓޭއިން ލަނޑެއްޖެހިއެވެ. މިލަނޑު ޖަހައިދިނީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެޓާ ޔޮންގ އެވެ. މިއީ އޭނާ ލީގުގައި ޖެހި ހަތަރުވަނަ ލަނޑެވެ.
ރެއާލުން ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައި ވަނީ 64 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން އެމްބާޕޭ ޖަހައިދިން ލަނޑުންނެވެ. މި ޕެނަލްޓީ ލިބިފައިވަނީ ލެވަންޓޭގެ ޑިފެންސުން އެމްބާޕޭއަށް ކުރި ފައުލަކަށެވެ. މެޗުގެ ހަތަރުވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ޖަހައިދިނީ ވެސް އެމްބާޕޭއެވެ.
ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ރެއާލެވެ. ދެވަނާގައި 5 މެޗުން 13 ޕޮއިންޓް ހޯދައިގެން އޮތީ ބާސެލޯނާއެވެ. މާދަމާރޭ ބާސާއާއި އޮވިއެޑޯ ވާދަކުރާ މެޗު ކާމިޔާބު ކޮށްގެން ޕޮއިންޓް ތާވަލުގައި ފަރަގު ކުޑަކުރުމުގެ ފުރުސަތު ބާސާއަށް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!