ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދާ "ގްލޯބަލް ސުމޫދު ފްލޮޓިލާ" އަށް އިސްރާއީލުގެ ފަރާތުން ތަކުރާރުކޮށް ހަމަލާދެމުންދާ ކަމަށް ބުނެ އެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ފްލޮޓިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، އެ ފަރާތުގެ އުޅަނދުތަކުގެ މަތިން އިސްރާއީލްގެ ޑްރޯންތައް އުދުއްސަމުން ކަމަށާއި، ގޮތް ނޭނގޭ އެއްޗެހިން ހަމަލާ އަމާޒުވެ އުޅަނދުތަކަށް އެއްލަމުންދާ ކަމަށެވެ.
މީގެ އިތުރުން އުޅަނދުތަކުގެ މުވާސަލާތީ ވަސީލަތްތަކަށް ހުރަސްއަޅަމުންދާ ކަމަށާއި، އަދި ގޮވުމުގެ އަޑު އިވެމުންދާ ކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މި ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
އެ ފްލޮޓިލާގެ ފަރާތުން އެކްސްގައި ޝާއިޢުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، "އަލްމާ" ނަމަކަށް ކިޔާ އުޅަނދުގެ މަތިން ގާތްގަނޑަކަށް ކޮންމެ 10 މިނެޓަކުން ޑްރޯނެއް އުދުއްސަމުންދެއެވެ. މި ޑްރޯންތަކުގެ މަޤްޞަދަކީ އެކްޓިވިސްޓުން ބިރުގެންނެވުމާއި، އިސްރާއީލަށް އިންޓެލިޖެންސް މަޢުލޫމާތު އެއްކުރުން ކަމަށް އެ ފަރާތުން ޤަބޫލުކުރާ ކަމަށް ބުނެފައިވެއެވެ.
❗️ALERT❗️@gbsumudflotilla has been attacked 7 times in a short span! Boats hit with sound bombs, explosive flares, and sprayed with suspected chemicals. Radios jammed, calls for help blocked. Immediate international attention AND PROTECTION required!
Hands off the Flotilla! pic.twitter.com/huyNZxTp6o— Francesca Albanese, UN Special Rapporteur oPt (@FranceskAlbs) September 23, 2025
"ޣައްޒާގައި ހިނގަމުންދާ ބަނޑަށްޖެއްސުމާއި ނަސްލު ފޮހެލުމުގެ ޢަމަލުތައް ދެމެހެއްޓުމަށް އިސްރާއީލާއި އެ ޤައުމުގެ ބައިވެރިން ކުރަމުންދާ މަސައްކަތްތަކަކީ ހިތްދަތިކަމެއް، ނަމަވެސް އަޅުގަނޑުމެންގެ ޢަޒުމް މިހާރު ވަނީ އިތުރަށް ވަރުގަދަވެފައި،" އެ ފްލޮޓިލާގެ ފަރާތުން ބުނެފައިވެއެވެ.
މި ފަދަ ޓެކްޓިކްސްތަކުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވޭނެ ކަމަކަށް ނުދެކޭ ކަމަށާއި، ޣައްޒާގެ މައްޗަށް އަޅާފައިވާ ޣައިރު ޤާނޫނީ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްވެސް ހުއްޓުވޭނެ ކަމަކަށް ނުދެކޭ ކަމަށް އެ ފަރާތުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!