ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ނަޕޯލީ ބައްދަލުކުރި މެޗު، 2-0 ގެ ނަތީޖާއިން ސިޓީ ކާމިޔާބު ކޮށްފިއެވެ.

ސިޓީއަށް ގިނަ އަހަރުތަކެއްގައި ކުޅެ އެ ޓީމް ކެޕްޓަންކަން ވެސް ކޮށްފައިވާ ކެވިން ޑިބްރޭނާ ސިޓީ ދޫކޮށް ނަޕޯލީއަށް ބަދަލުވީ މި ސީޒަނަށެވެ. ޗެމްޕިއަންސް ލީގުގައި ނަޕޯލީއާއި ސިޓީ ވާދަކުރަން ޖެހުނުއިރު، ގިނަބައެއްގެ ލޯތައް އަމާޒުވީ ޑިބްރޭނާއަށެވެ. ސަބަބަކީ އޭނާގެ ފުޓްބޯޅައިގެ ގިނަ ކާމިޔާބީތަކާއި ގިނަ ހަނދާންތަކުގައި ސިޓީ ޝާމިލުވުމެވެ. އަދި ސިޓީގެ ސަޕޯޓަރުންގެ މެދުގައި ވެސް އޭނާއަކީ މަގުބޫލު ކުޅުންތެރިއަކަށްވުމެވެ.

Ad
rt

ނަމަވެސް ރޭ މެޗަކީ ޑިބްރޭނާއަށް އެހާ ކާމިޔާބު މެޗެއް ނޫނެވެ. މެޗުގެ 21 ވަނަ މިނެޓުގައި ނަޕޯލީގެ ޑި ލޮރެންޒޯއަށް ރަތްކާޑު ދެއްކުމާއިއެކު، ޓެކްނިކަލް ބަދަލެއްގެ ގޮތުގައި ޑިބްރޭނާ ވަނީ ބަދަލުކޮށްފައެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅުނު ނަމަވެސް ނަޕޯލީން ވަނީ ފުރަތަމަ ހާފުގައި ސިޓީ ހިފަހައްޓާފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ސިޓީން ކާމިޔާބު ކޮށްފައިވަނީ 56 ވަނަ މިނެޓުގައެވެ. ފޮޑެން ތަނަވަސް ކޮށްދިން ފުރުސަތެއްގައި މި ލަނޑު ޖަހައިދިނީ ހާލަންޑެވެ. މި ލަނޑާއިއެކު ޗެމްޕިއަންސް ލީގުގައި އެންމެ މަދު މެޗުން 50 ލަނޑު ހަމަކުރުމުގެ ރެކޯޑް ހާލަންޑް ވަނީ މުގުރާލާފައެވެ. އޭނާ 50 ލަނޑު ޖަހާފައި ވަނީ 49 މެޗުންނެވެ. ކުރިން މި ރެކޯޑް އޮތީ 62 މެޗުން 50 ލަނޑުޖެހި ރުޑް ވެން ނިސްޓެރޫއީ އަތުގައެވެ. ސިޓީގެ ދެވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖަހައިދިނީ ޑޮކޫއެވެ.