ފެނަކައިން ހިންގާ ރާއްޖޭގެ ކަންކޮޅުތަކުގެ އިންޖީނުގެތަކުން ދެވޭ ކަރަންޓުގެ ޚިދުމަތް ފެންވަރު ރަނގަޅުކޮށް، ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކޮށްދިނުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން އުތުރުގެ ދެ ރަށަކަށް އައު ޖަނެރޭޓަރު ސެޓު ފޯރުކޮށްދީފިއެވެ.

އެގޮތުން ފެނަކައިން އައު ޖަނަރޭޓަރު ސެޓު ފޯރުކޮށްދިން އުތުރުގެ 2 ރަށަކި ހދ. ނޮޅިވަރަމާއި އަދި ށ. ކޮމަންޑޫއެވެ.

Ad
rt

ފެނަކައިންވަނީ ހދ. ނޮޅިވަރަމްގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އެރަށަށް މިހާރުވަނީ މުޅިން އައު 600 ކިލޯވޯޓުގެ ޖަނަރޭޓަރު ސެޓެއް ފޮނުވާފައެވެ. އަދި ށ. ކޮމަންޑޫގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް އެރަށަށް 400 ކިލޯވޯޓުގެ މުޅިން އައު ޖަނަނޭޓަރު ސެޓެއް ފޮނުވުމަށް އިއްޔެވަނީ ކަނޑު ބޯޓަށް އަރުވާފައެވެ.

ފެނަކައިން ގެންދަނީ އެކުންފުނިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްތަކުގެ ކަރަންޓުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިދެރަށުގެ އިތުރުން ފެނަކައިން ޖަނަރޭޓަރު ފޮނުވާފައިވަނީ ބ.ދަރަވަންދޫ، ބ.ގޮއިދޫ، ގއ.މާމެންދޫ، އަދި އައްޑޫ ސިޓީއަށެވެ.

ފެނަކައިން މިދިޔަ އަހަރުވެސްވަނީ 67 ރަށަކަށް ޖަނަރޭޓަރު ފޮނުވައި އިންސްޓޯލްކޮށް ބޭނުންކުރަން ފަށާފައެވެ. ޚިދުމަތް ރަނގަޅުކުރުމުގެ ގޮތުން އެ ކުންފުނިންދަނީ މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް މީހުން ދިރިނޫޅޭ އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އެގޮތުން މިހާތަނަށް 35 ރަށަށްވުރެ ގިނަ ރަށުގެ އިންޖީނުގެ އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފެނަކައިން ވަނީ ފަށާފައެވެ.

ފެނަކައިން ހިންގާ 148 އިންޖީނުގެ މެދުވެރިކޮށް، 154 ރަށަށް ފެނަކައިންދަނީ ކަރަންޓު ފޯރުކޮށްދެމުންނެވެ.