ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ މާސޭގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ފެށުން ރަނގަޅުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

ލިވަޕޫލު ދޫކޮށް މި ސީޒަނަށް ރެއާލާއި ގުޅުނު އާނޯލްޑް ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނި ނަމަވެސް، މެޗުގެ ތިންވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާގެ ބަދަލު ކުޅެން ނުކުތީ ތަޖުރިބާކާރު ޑިފެންޑަރ، ކެޕްޓަން ކަރަވަހާލްއެވެ.

Ad
rt

މެޗު ޑޮމިނޭޓް ކޮށްގެން ރެއާލުން ކުޅުނު ނަމަވެސް މާސޭއިން ވަނީ ލިބޭ ފުރުސަތުތަކުގައި ރެއާލުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި އުފެއްދި ކައުންޓަ އެޓޭކެއްގައި މާސޭގެ ވިއާ ވަނީ ލަނޑެއްޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މާސޭއިން ލީޑުނެގިތާ ހަމިނެޓް ފަހުން ރެއާލުން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެމްބާޕޭއެވެ. މި ޕެނަލްޓީއަކީ މާސޭގެ އޭރިއާތެރެއިން އެ ޓީމްގެ ޖެފްރޭ ކޮންޑޮގްބިއާ، ރެއާލްގެ ރޮޑްރިގޯއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި މާސޭއިން ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. މެޗުގައި ރެއާލަށް އިތުރު މައްސަލަތަކާއި ކުރިމަތިވީ 72 ވަނަ މިނެޓުގައި ކަރަވަހާލްއަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާއަށް ރަތްކާޑު ދައްކާފައިވަނީ މާސޭގެ ކީޕަރަށް ބޮލުން ހަމަލާ ދިނުމާއި ގުޅިގެންނެވެ.

މެޗުން ރެއާލް މޮޅުވީ 81 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. މި ޕެނަލްޓީ ރެއާލަށް ދީފައިވަނީ އެ ޓީމްގެ އޭރިއާތެރެއިން ޑިފެންޑަރެއްގެ އަތުގައި ބޯޅަ ޖެހުމާއި ގުޅިގެންނެވެ.