ކޮމަންވެލްތް ބީޗްހޭންޑް ބޯލް ޗެމްޕިއަންޝިޕް 2025 ފެށެން ބާކީ އެއް ދުވަހަށް ވެފައިވާއިރު، މި މުބާރާތައް ވާ ތައްޔާރީތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލުން ރަށުތެރެ ދިއްލާ ޒީނަތްތެރިކޮށްލައިފިއެވެ.
މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ކުރިއަށް ގެންދާ މި މުބާރާތް ހޯސްޓް ކުރުމުގެ ޝަރަފު ކުޅުދުއްފުއްޓަށް ލިބިފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ، ކައުންސިލުން ވާ ތައްޔާރީތަކުގެ ތެރޭގައި ކުޅުދުއްފުށީ އައު ބީޗްހޭންޑް ބޯލް އެރީނާގައި ތަރައްޤީކުރަމުންދާ ޕިޗް މިހާރު ވަނީ ތައްޔާރުކޮށްފައިކަމަށެވެ.
މިގޮތުން ލައިޓް ހަރުކޮށް، ފެންސް ޖެހުމާއި، އެ ސަރަހައްދަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަށްޓަކައި ފެންވަޅާއި ފެން ޕަމްޕް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.
ކުޅުދުއްފުށީ އައު ބީޗްހޭންޑް ބޯލް އެރީނާގައި ތަރައްޤީކުރަމުންދާ ޕިޗް ތައްޔާރުކޮށްފައި، ފޮޓޯ: ސިޓީ ކައުންސިލް
މީގެ އިތުރުން ސިޓީ ކައުންސިލުން ވަނީ މުބާރާތް އޮންނަ ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ކުޅުދުއްފުށީ ރައްމަތިފަންނު ހިމެނޭހެން އެ ސަރަހައްދުގައިވެސް ކުލަ ބޮކިލައި ދިއްލާލާފައެވެ.
ކޮމަންވެލްތް ބީޗްހޭންޑް ބޯލް ޗެމްޕިއަންޝިޕަށް ކުޅުދުއްފުށި ތައްޔާރުވެފައި، ފޮޓޯ: ސިޓީ ކައުންސިލް
މި މަސައްކަތްތަކާއި ބެހޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ، ކައުންސިލް މެންބަރ އަހުމަދު އަބްދުالله (ރޯޒޭ) ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލުން މިކަމަށް ކުރި މަސައްކަތްތަކުގެ ތެރެއިން ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިފައިވާކަމަށެވެ. މިގޮތުން ކުޅުދުއްފުށީގައި ސިޓީ ކައުންސިލުން ތަރައްޤިކޮށްފައިވާ އައު ޕިޗަކީ ބައިނަލްއަޤުވާމީ މުބާރާތެއް ބޭއްވޭ ވަރުގެ ރަނގަޅު ޕިޗެއް ކަމަށް ރޯޒޭ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ޕިޗަށް ބޭނުންވާ ސިޑި ބަރީގެ މަސައްކަތް ކުރިއަށްދަނީ ސަރުކާރުގެ ފަރާތުންކަމަށް ފާހަގަކޮށް، މި ފުރުސަތުގައި ހޭންޑްބޯލް އެސޯސިއޭޝަނަށާއި، ސްޕޯޓްސް މިނިސްޓަރަށް ރޯޒޭ ވަނީ ޝުކުރު ދަންނަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!