ގއ. ވިލިނގިލީ އެކި ފިހާރަތަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރަމުން ދިޔަ މީހަކު ހައްޔަރުކޮށްފައެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގ. ރޯޒީ / މާލެ، މުޙައްމަދު ޝާރިފް (37އ) އެވެ.

Ad
rt

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އެ އިދާރާގެ ތަހުގީގަށް މިހާތަނަށް ހޯދިފައިވާ މައުލޫމާތުން ދައްކާ ގޮތުގައި، އޭނާ ވަނީ ސައްހަ ނޫން ސްލިޕް ފިނުވައިގެން ވިލިނގިލީގެ އެކި ފިހާރަތަކުން 1500 ރުފިޔާގެ މުދާ ނަގާފައެވެ. އޭނާ ވަނީ މި މުދާ ނެގުމަށްފަހު، އޮންލައިންކޮށް ފައިސާ ދެއްކި ކަމަށް ދައްކުވައިދޭ ސައްހަނޫން ސްލިޕްތަކެއް ފިހާރަތަކަށް ފޮނުވާފައެވެ.

މި މައްސަލައިގައި މުޙައްމަދު ޝާރިފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.